މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ގާއިމު ކުރާ ޕެޓް ކެއާ ފެސިލިޓީއަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވުނީ ބުޅާ ފެސިލިޓީ ގާއިމު ކުރުމަށް ބޭނުންވާ ބިން މިއަދު އެގްރިކަލްޗާ މިނިސްޓަރީން އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ބުޅާ ފެސިލިޓީ ގާއިމު ކުރަން އެގްރިކަލްޗާ މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކުރީ 5،000 އަކަފޫޓުގެ ބިމެކެވެ. ބިން ދީފައިވަނީ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި އޮންނަ ހުސް ބިމުންނެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގިނަވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ވަނީ މާލެ ސަރަހައްދުގައި ބުޅާ ޝެލްޓާއެއް އިމާރާތް ކުރުމަށް މަޝްވަރާތައް ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ވިލިމާލޭގައި ބުޅާ ޝެލްޓާ ހަދަން ނިންމިއެވެ. އަދި އެކަމަށް ފުރުސަތުވެސް ހުޅުވާލިއެވެ. އަދި ފަހުން މަޝްވަރާ ކުރީ ނީލަން ފިހާރަ ހުރި ބިމުގައެވެ.

އޭގެ ފަހުން މަސްވެރިންގެ ޕާކުގައި ބުޅާ ޝެލްޓާ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭ ސިޓީ ކައުންސިލުން ފާސްވެސް ކުރިއެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ފަހުން ކެބިނެޓުން ނިންމާފައިވަނީ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ހެދުމަށެވެ. ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވަނީ ޕެޓް ކެއާ ފެސިލިޓީ ހެދުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާ ކަމަށެވެ.