ތ. ކިނބިދޫ އާއި އެއަތޮޅު ވޭމަންޑޫ ކޯޒްވޭއަކުން ގުޅައިލެވުމުން، ދެ ރަށުގައިވެސް މަތީ ތައުލީމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގައި މިއަދު ޕޯސްޓުކުރި ވީޑިއޯގައެވެ. އެ ވީޑިއޯގައި ގްރޭޑް 10 ނިންމުމަށްފަހު ކިނބިދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރެވޭނެ ގޮތް ހެދުމަށްޓަކައި ރައީސް ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ އެރަށު ދަރިވަރަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ގްރޭޑް 12އާ ހަމައަށް ކިޔެވޭ ގޮތް ވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ކިނބިދޫގައި އެ ވަސީލަތްތަކާއި އެ ފުރުސަތު މިވަގުތު ނެތް ކަމަށެވެ.

މިހާރު ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ކޯޒްވޭއަކުން މިރަށް (ކިނބިދޫ) އާއި ވޭމަންޑޫ ގުޅައިލެވުނީމަ އެއްކަމަކަށް އެއިރުން އެއްގަމުން ދެވޭ ގޮތް ވާނެ އެރަށަށް. އެއިރުން އެއްފަސްވީ. އެއްފަސްވީމައި ލިބޭ ފައިދާތައް ހުންނާނެ ތައުލީމަށްވެސް. އެއީ އެއްގޮތް އަޅުގަނޑުވިސްނާ ތިކަން ހައްލު ކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެން ގޮތް ގޮތުންވެސް ކިނބިދޫގައި މަތީތައުލީމު ހާސިލުކުރެވޭނެ ގޮތް ފަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ކޯޒްވޭއަކުން ގުޅުނީމައި އެއްފަސްވީމަ ޔުނިވަސިޓީގެ ކެމްޕަސް ގާއިމްކުރުން ވިޔަސް، ޔުނިވާސިޓީ ތައުލީމުގެ ފުރުސަތުތައް ވިޔަސް ފަހިވާނެ. އެއީ އާބާދީ ބޮޑުވީމަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިއްޔެ ކިނބިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށާއި ވޭމަންޑޫގެ ކޯޒްވޭގެ މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަނީ އެ ރަށާއި ވޭމަންޑޫ ކޯޒްވޭގެ އިތުރުން މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލައްވާނެ ކަމަށް ވިދާޅުވެފައެވެ.