ތ. ގާދިއްފުށިން (ޢަލީ ޔާމީން، ވަން އޮންލައިން)
ކުރީ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް އެކިއެކި ރަށްރަށުގައި އެއްވެސް ތަރުތީބެއް ނެތި ފެށި މަޝްރޫއުތައް މިހާރު ހުރީ ހުއްޓިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން މިއަދު މެންދުރުފަހު މި ރަށަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ރަށަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ބަނދަރުގެ ދަތިކަން ހިމެނޭ ކަމަށާއި މި ރަށުގެ ބަނދަރު ތަރައްގީކުރުމަށް ކުރީ ސަރުކާރުން އޮތީ އެމްޓީސީސީއާ ހަވާލުކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ، ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ.
"ބަޖެޓުގައިވެސް ޖާގަ އޮވެގެނެއް ނޫން. ދެން ހަމަ ހަވާލުކޮށްފައި ހުރީ އިންތިހާބަށްޓަކައި. އެގޮތަށް ހަވާލުކުރީމާ އެ މަސައްކަތެއް ހިނގާ ގޮތެއް ނުވޭ. ފައިސާއެއް ނުހުރޭ. މަޝްރޫއުތައް ކުރިއަށްދާނެ ގޮތެއް ނުވޭ. އަނެއްކާ ކުންފުނި ތައްޔާރެއް ނޫން އެކަން ކުރާކަށެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިދިޔަ ޖުލައި ހިސާބުން ފެށިގެން ވަރަށް ބާރު ސްޕީޑުގައި އެކިއެކި މަޝްރޫއުތައް ހަވާލުކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުން ކަމަށާއި އިގުތިސޯދީ ހާލަތުކުރި ގޮތުން އެއް ފަހަރާ މަޝްރޫއުތައް ނުހިންގެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވަކި ތަރުތީބެއްގެ ދަށުން ރާއްޖޭގެ ރަށްރަށުގެ މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު