ތ. ގާދިއްފުށިން (ޢަލީ ޔާމީން، ވަން އޮންލައިން)

މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން މިއަދު މެންދުރުފަހު މި ރަށަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ރަށަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވަނީ ސްކޫލުގެ މަސައްކަތް ކަމަށާއި އެ މަޝްރޫއު އަވަސްކޮށްދެއްވާނެ ކަމަށެވެ

"ސްކޫލު ރަނގަޅު ފެންވަރެއްގައި ވަރަށް އަވަހަށް ގާއިމްކޮށްދޭން ކުރަން ޖެހޭ ކަންކަން ކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުރައިދޫ އެއާޕޯޓުގެ މަޝްރޫއާ އެކު މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ފެށިގެންދާނެ ކަމަށެވެ. ރައީސް ވަނީ މި އަހަރުގެ ތެރޭގައި ގުރައިދޫ އެއާޕޯޓު މަޝްރޫއު ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"ގުރައިދޫ އެއާޕޯޓު މަޝްރޫއާއެކު ބިން ހިއްކުމުގެ މަޝްރޫއުވެސް އެއާ ގުޅުވައިގެން ކުރިއަށްގެންދާނެ ކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެހެންކަމުން އެކަން އެކުއެކީގައި ދާނެ. ދެން އެއާޕޯޓުގެ ވާހަކަ އަޅުގަނޑު ދައްކާފައިވާނީ. އެހެންވީމާ މިއަހަރުގެ ތެރޭގައި އެކަންވާނެ ކަމަށް ތިބޭފުޅުން ބައްލަވާ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ރަށަށް ބޭނުންވާ އެހެން ކަންކަންވެސް ވަކި ތަރުތީބެއްގެ ދަށުން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހުއްޓިފައި އޮތް ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ވާހަކަ ދައްކައިގެން އަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.