މޯލްޑިވިއަންގެ ޕައިލެޓަކާއި ކުރޫންނާ ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، އިންޒާރުދީ އެ މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަމަލު ކުރެއްވި މައްސަލައިގައި އެ ކުންފުނީގެ ފްލައިޓުތަކުން އޭނާއަށް ވަގުތީ ގޮތުން ދަތުރު ނުކުރެއްވޭ ގޮތަށް ހަދަން ނިންމައިފިއެވެ.
މޯލްޑިވިއަންގެ ސީ ޕްލޭނަށް އަރާ ޕްލެޓްފޯމެއް މަތީ، އެ އެއާލައިންގެ ޕައިލެޓަކާއި ކުރޫންނާ ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، އިންޒާރުދީ އެ މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޖާމިރު އަމަލު ކުރެއްވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ ކޮންއިރަކު ނަގާފައިވާ ވީޑިއޯއެއް ކަމެއް ސާފެއް ނުވެއެވެ.
އެ ވީޑިއޯގައި ޖާބިރު ކޯފާވެ، ޕައިލެޓަށް އެކި ކަހަލަ އިންޒާރު ދެއްވައި، ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކަވާ މަންޒަރު ފެނެއެވެ. އަދި ޕައިލެޓާ ދިމާއަށް އަތް އިސްކުރައްވައި، ޕައިލެޓް ހައްޔަރު ކުރަންޖެހޭ ކަމަށް ވިދާޅުވާއިރު، ޕައިލެޓް ތުބުޅި ދިގުކޮށްގެން ހުރުމުން އެކަމަށްވެސް ހަޖޫ ޖައްސަވައި، ޕައިލެޓަކަށް ނުވެ އިމާމަކަށް ވުމަށް ވިދާޅުވެ ހަޖޫ ޖައްސަވާ އަޑުވެސް އިވެއެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ޖާބިރުގެ އަމަލުތަކުގެ ސަބަބުން އެ ދުވަހު އެ ބޯޓުގެ ކުރޫންގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށާއި އެއީ އެ ކުންފުނިން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މޯލްޑިވިއަނުން އެންމެ އިސްކަންދޭ ކަމަކީ ކުރޫންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ، އެފަދަ ހާލަތްތަކުގައި އަމަލު ކުރަން އޮންނަ އުސޫލުގެ ތެރެއިން އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ގުޅިގެން އެ މައްސަލައިގެ ވަކި ތަހުގީގެއް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ތަހުގީގު ކުރިއަށްދާތީ ވަގުތީ ގޮތުން ދަތުރުކުރުން މަނާކުރީ. އެއީ ފުލުހުންވެސް އަމަލުކުރަމުން އަންނަ ގޮތް. އެ މައްސަލައިގައި ފިޔަވަޅެއް އަޅާނީ މައްސަލަ ތަހުގީގު ކުރުމަށްފަހު،" މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު