ތ. ކިނބިދޫން (ޢަލީ ޔާމީން، ވަން އޮންލައިން)
މި ރަށާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅައިދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ 8 ވަނަ މަންޒިލެއްގެ ގޮތުން މިއަދު މެންދުރު މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ މި ރަށާއި ވޭމަންޑޫ އެއްފަސްވެގެންދިއުން ކަމަށެވެ.
"ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިނުމަކަށް އައިސް އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ރަށާއި ވޭމަންޑޫ ކޯޒްވޭގެ އިތުރުން މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކިނބިދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ރައްޔިތުން އެދޭ ތަރުތީބަކަށް ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ރަށާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ކުރީ ސަރުކާރުން ވަނީ ކޯޒްވޭގެ ފޮޓޯތައް އާއްމުކޮށް، ފީޒިބިލިޓީ އެސަސްމެންޓްގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ވެރިކަން ނިމުމުއިރުވެސް ކޯޒްވޭގެ އަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. މި ދެރަށް ކޯޒްވޭއަކުން ގުޅާލުމަކީ ރައީސް މުއިއްޒުގެވެސް ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު