ތ. ކަނޑޫދޫން (ޢަލީ ޔާމީން، ވަން އޮންލައިން)
މި އަތޮޅުގެ ދިގު މާޒީގައި މި އަތޮޅު ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މި ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ތަރައްގީގެ ސަފުގައި ކުރިއަރައިގެންދާނެ ރަށަކަށް މި ރަށް ހައްދަވައިދެއްވާނެ ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ރައްޔިތުން ބޭނުންވާ މިންވަރަށް ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.
މި ރަށުގެ އިތުރުން މި އަތޮޅަކީވެސް ތަރައްގީގެ އެންމެ ކުރީ ސަފުގައި ހިމެނޭ އަދި ތަރައްގީވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް މި އަތޮޅު ހަދައިދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު މެސެޖަކީ މި ދިގު މާޒީގައި މި އަތޮޅު މިހާ ބޮޑަށް ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން އަޅުގަނޑު ނިމުމަކަށް ގެނެސްދެއްވާނަމޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި ރަށުގައި ހުއްޓިފައި އޮތް މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހޮސްޕިޓަލުގެ މަޝްރޫއު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދަތުރަށްފަހު ގޮސް، ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށް، ހޮސްޕިޓަލް ނިމިގެންދާނީ ލެބޯޓަރީއަކާއެކު. އެކަން ވެސް ވެގެންދާނެ. ހުއްޓިފައި ހުރި މަޝްރޫއުތަކުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ އަޅުގަނޑު ކުރިން ވެސް ފާހަގަކޮށްފައިވާނެ. ކުންފުނިތައް ވަރަށް ބޮޑަށް އޮތީ މިސްމެނޭޖްކޮށްފައި. ނަރުދަމާ އާއި ބަނދަރުގައި އުޅަނދުފަހަރުތަކަށް ވަކި ޖެޓީއެއް ކަނޑޫދޫގައި ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
މި ރަށަކީ ދަނޑުވެރި ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ރަށުގެ ބިން ފުރިފައިވާ ކަމަށާއި ދަނޑުވެރިންނަށް އެހެން ބިމެއް ހޯދުމަށް ކައުންސިލަށް މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މުޅި އިގުތިސާދުގެ ތެރެއަށް އަންނަ ދިރުމުގެ ތެރެއިން ފަތުރުވެރިކަމަށް އާ ފުރުސަތުތައް ފަހިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު