ޑެންގޫ ފެތުރުން ކޮންޓްރޯލް ނުވާތީ، ބްރެޒިލްގެ ރިއޯގައި އިމަޖެންސީ އިއުލާންކޮށްފިއެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނެރޯގައި ފެތުރެމުންދާ ޑެންގޫގެ ކޭސްތައް ގިނަވެފައިވާއިރު އެ ސިޓީގައި މި އަހަރު ފެށުނު ފަހުން ވަނީ ރެކޯޑް އަދަދަކަށް ކޭސްތައް އިތުރުވެފައެވެ.

ރިއޯގެ އޮފިޝަލުން ވަނީ އެ ސިޓީގައި މި އަހަރު ފެށުނު ފަހުން މިހާތަނަށް 10،000 އަށްވުރެ ގިނަ ޑެންގޫ ކޭސް ރެކޯޑުކުރެވިފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރު މުޅި ޖުމްލަ ކޭހުގެ އަދަދު 23،000 އަށް އެރިއިރު، މިއަހަރު މިހާތަނަށް 10،000 އަށް އެރުމުން އެ ސިޓީގައި އިމަޖެންސީ އިއުލާނު ކުރުމުގެ އިތުރުން، ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ.

ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން މިދިޔަ އަހަރު ވަނީ ޖަޕާނުގެ ކުންފުންޏަކުން އުފައްދާ ޑެންގޫ ވެކްސިން އެ ގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އާންމުންގެ ތަރުހީބު ނުލިބި އެ ވެކްސިން ދިނުން ވަނީ މެދުކަނޑާލާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ރިއޯގައި ޑެންގޫ ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ސިޓީގައި ވަނީ ޑެންގޫއަށް ހާއްސަ 10 ކްލިނިކެއްވެސް ހުޅުވައިފައެވެ. ބަލި ޖެހިގެން ރިޕޯޓު ކުރާ މީހުން ކެޓަގަރީތަކަކަށް ބަހާލައިގެން ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ސިޓީގެ އޮފިޝަލުން ބުނެއެވެ.