ތ، މަޑިފުށިން (އަލީ ޔާމީން، ވަން އޮންލައިން)

މި ރަށާ އެއްފަޅެއްގައި އޮންނަ އުފުލިއްޔާ މި ރަށާ ގުޅާލައި ކައިރީގައި އޮންނަ ކޮޅުފުށި މި ރަށުގެ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެއްގެ ގޮތުން މިއަދު ހަވީރު މިި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އުފުލިއްޔާއާއި މި ރަށް ގުޅާލުމުން އިގުތިސޯދީ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި މި ސަރުކާރުން އެ ދެ ރަށް ގުޅުވާލަދޭނެ ކަމަށެވެ.

އުފުލިއްޔާގެ އިތުރުން ކޮޅުފުށިވެސް މިރަށުގެ ކައުންސިލާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އުސޫލުގައިވާ ގޮތުގައި މަޑިފުށީގެ އިހުތިސޯސްގެ ތެރޭގައި ކޮޅުފުއްޓެއް ނުހިމެނެއެވެ. ނަމަވެސް މިހާރު ގެޒެޓުކޮށްފައިވާ "އިގުތިސޯދީ މަސައްކަތްކޮށްގެން ކައުންސިލުތަކަށް އާމްދަނީ ހޯދުމުގެ ގަވައިދު"ގައިވާ ގޮތުން ދުރުގައި އޮންނަ އަތޮޅެއްގެ ރަށެއް ވެސް އެހެން ރަށެއްގެ ކައުންސިލަށް، އެ ރަށެއްގެ ރައްޔިތުން ރުހޭނަމަ ދެވިދާނެއެވެ.

"އިގުތިސޯދީ އެތައް ކަމެއް ކުރެވޭނެ މަގު އަޅުގަނޑުމެން އެ އޮތީ ފަހިކޮށްދީފަ. އެއީ ކައުންސިލުތައް ބާރުވެރި ކުރުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައްވެސް ވަކި ތާވަލެއްގެ ދަށުން ކޮށްދެއްވާނެ ކަމަށެވެ.