ރައްޔިތުން މަޖިލީހުން ރުހުން ނުދިނުމުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައްޔިތުންގެ އިދާރައީ ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އެ އިދާރާއިން ވަން އޮންލައިން އަށް މައުލޫމާތު ދިން ގޮތުގައި އެ ބޭފުޅުންނަށް އަލުން ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައި ވަނީ މިއަދުއެވެ.
އެ ބޭފުޅުންނަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ހުސްވި ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ހައިދަރަށާއި އުޝާމަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ އެންމެ 24 މެންބަރުންނެވެ. ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއެވެ. އުޝާމަށް ރުހުންދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއެވެ. ޝަހީމަށް ރުހުން އޮތްކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ރުހުންދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވައި 8 މެންބަރަކު ތިއްބެވިއެވެ.
މަޖިލީހުން ރުހުން ނުދޭން ފާސްކުރި ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ބޭފުޅުން ކުރިން ތިއްބެވި މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ދަނީ، އެކަމަކީ މަޖިލީހުގެ އަގުވައްޓައިލުމަށް ރައީސް މުއިއްޒު ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ފާޑު ކިޔަމުންނެވެ. އަދި އެގޮތަށް މަޖިލީހުން ރުހުން ނުދޭ ނިންމި ބޭފުޅުން އަލުން ހަމަ އެމަގާމުތަކަށް އައްޔަން ނުކުރެވޭނެ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު