ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިއީ ބީއެމްއެލްގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ. މީގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ 2021 ވަނަ އަހަރެވެ. އެ އަހަރު ބީއެމްއެލަށް 1.7 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.

ބީއެމްއެލްގެ އޮޑިޓް ނުކުރާ މާލީ ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ އަހަރު ލިބުނު 1.9 ބިލިއަން ރުފިޔާގެ ފައިދާއަކީ އޭގެ ކުރީ އަހަރަށްވުރެ 17 ޕަސެންޓްގެ އިތުރުވުމެކެވެ.

ބީއެމްއެލަށް މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، އެ އަދަދަކީ އޭގެ ކުރީ އަހަރަށް ވުރެ 377 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް 361 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ. އެއީ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާއަށްވުރެ 551 މިލިއަނަށްވުރެ 190 މިލިއަން މަދު އަދަދެކެވެ.