ހުރިހާ ބާވަތްތަކެއް ވިއްކޭގޮތަށް މާލޭގައި ހަދާ އާ މާރުކޭޓް އިމާރާތުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ލޯކަލް މާރުކޭޓްގައި ދިމާވާ މައްސަލަތަކާ ބެހޭގޮތުން، ގޮޅިއެއްގައި ތަކެތި ވިއްކާ މީހެއް ކަމަށްވާ އަބްދުﷲ އިބްރާހިމް ވީޑީއޯ މެސެޖަކުން ފާޅު ކޮށްފައިވާ ކަންބޮޑުވުންތަކަށް، ޖަވާބު ދެއްވަމުން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓްގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.

ކަންބޮޑުވުން ފާޅުކޮށް އަބްދުﷲ މުހައްމަދު ބުނެފައި ވަނީ މާރުކޭޓް އިމާރާތަކީ އިންސާނުންނަށް ކާބޯތަކެތި ވިއްކަން އެންމެ ރަނގަޅު ފެންވަރުގައި ހުރި ތަންތަން ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ.

މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކޮށްފައިވިޔަސް އެތަންތަން ހިންގަނީ ދިވެހިން ނޫން ކަމަށާއި ބޮޑު އަގުގައި އެހެން މީހުންނަށް ކުއްޔަށް ދީގެން ދިވެހިން ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

"ދިވެހި މީހާ އެހެން މީހުންނަށް ބޮޑު އަގުގައި ކުއްޔަށް ދީގެން ނާޖާއިޒް ފައިދާ ނަގަނީ އަހަރެމެން މަސައްކަތް ކުރާ މީހުންނަކަށް ގޮޅިއެއްވެސް ލިބޭގޮތެއް ނޯވޭ، އެ މީހުން އަތުން ކުއްޔަށް ނެގުން ނޫން ގޮތެއް ނޯވޭ، އެކަންކަން ހައްލު ކޮށްދީ ފިއްޔާ ވަރަށް ރަނގަޅު،" އަބްދުﷲ މުހައްމަދު ބުނެފައިވެއެވެ.

އެ ވާހަކަތަކަށް ވީޑިއޯ މެސެޖަކުން ރައީސް ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ، އަބްދުﷲ އިބްރާހިމް ފާހަގަ ކުރި ގޮތަށް މާލޭގެ ދަތުރުވެރިންގެ މާރުކޭޓްވެސް އަދި ލޯކަލް މާރުކޭޓްވެސް އެއީ މިހާރު އެއްގޮތަކަށްވެސް އެންމެ އެކަށީގެންވާ ފެންވަރުގައި ހުރި ތަންތަނެއް ނޫން ކަމަށެވެ.

އެހެންކަމުން ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސްމާރު ކޭޓްގެ ބަދަލުގައި، އެހެން ގައުމުގައިވެސް ހުންނަ ޒަމާނީ ފެންވަރުގެ މާރުކޭޓެއް އިމާރާތް ކުރުމަށް، ސަރުކާރުން ސިޓީ ކައުންސިލަށް ހުރިހާ މަގުތަކެއް ފަހިކޮށްދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި މާރުކޭޓްތައް ހުންނަ ތަންތަން ހުންނަ ފެންވަރުގައި އިމާރާތެއް އަޅައިފައި އެތަނުގައި މަސްމާރުކޭޓްވެސް އަދި ލޯކަލް މާރުކޭޓް ދަތުރުވެރިންގެ މާރުކޭޓްގައި ވިއްކާ ތަކެތި ވިއްކޭ ކަހަލަ ޖާގަވެސް ހިމެނޭގޮތަށް ހަމަ ހަތަރު ބުރީގެ ޒަމާނީ މާރުކޭޓް އިމާރާތެއް އަޅަން އަދި ޕާކިންވެސް އެތަނުގެ އަޑީގަ ބޭސްމެންޓްގައި ހިމެނޭގޮތަށް. އެހެންވީމަ އެ މާރުކޭޓް އެޅުމުގެ މަސައްކަތް މިހާރު ފެށުމުގެ މަރުހަލާގައި އެ އުޅެނީ. އެ މާރުކޭޓް އިމާރާތް އެޅުނީމަ އަބްދުﷲ ފާހަގަ ކުރި މައްސަލައަށް ހައްލެއް އަންނާނެ، ވަރަށް ސާފުތާހިރު ރީތިކޮށް ހުންނަ މާ ޖާގަވެސް ބޮޑު ގޮޅިތައް ހަމަޖެހިގެންދާނެ މާ ހިއްގައިމުވާނެ ހުރިހާ ގޮތަކުން ރަނގަޅުވާނެ. އެ މާރުކޭޓްގެ މަސައްކަތް ރޯދަމަސް ނިމިގެން އޭޕްރީލް މަހުގެ ތެރޭގައި މިހާރު ހުރި ލޯކަލް މާރުކޭޓް ރޫޅާލައިފައި އެތަނުގައި ފެށީގެންދާނެ. އެތަން އަޅާއިރު ތިބޭފުޅުން ވަގުތީ މާރުކޭޓަކަށް ބަދަލުވެގެންދާނެ. އެހެންވީމާ ތި މައްސަލައަށް ހައްލެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރު މީހުންގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށާއި އެ މައްސަލައަކީ ސަރުކާރުގެ ތެރެއިން ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ހައްލުވެގެންދާނެ ކަމެއް ކަމަށެވެ.

"އެ މައްސަލައަކީ ސަރުކާރުތެރެން ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް ތަނުގައި ހައްލުވެގެންދާނެކަމެއް އާ މާރުކޭޓް އެެޅިގެންދާއިރުގައި އެއްކޮށް ތިކަން ހައްލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.