ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން ނަގާ ޖޫރިމަނާ ރޭޓު ދަށްކޮށްފިއެވެ.

ބީއެމްއެލްގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ މީގެ ކުރިން މަހަށް ނެގި ދެ ޕަސަންޓު، 0.5 ޕަސަންޓަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި ބޯޑުން އެ ނިންމުން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށް ވިދާޅުވިއެވެ.

ލޯނު ނުދެއްކުމުން ނަގާ ޖޫރިމަނާ ރޭޓު 10 ޕަސަންޓުން ދެ ޕަސަންޓަށް ކުޑަކުރީ މިދިޔަ އޭޕްރީލް މަހުއެވެ.

އެ ޖޫރިމަނާއަކީ ލޯނު އަނބުރާ ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ނަގާ ފީއެކެވެ. ބީއެމްއެލުން ބުނީ އެ ޖޫރިމަނާ އެރިޔަ ނުދިނުމަށް ގަވާއިދުން ލޯނު އަނބުރައި ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.