ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން މަގާމަށް އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވާހެން ތިން ވަޒީރަކަށް ރުހުން ދީފައެއް ނުވެއެވެ. އުޝާމްގެ އިތުރުން ރުހުން ދީފައި ނުވަނީ ހައުސިން މިނިސްޓަރު އިބްރާހިމް ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދަށެވެ. ނަމަވެސް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަނުކުރައްވައިފައެވެ.

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރުހުން ނުދިން ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.

"އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ" ޑިމޮކްރެޓްސްއިން ބުންޏެވެ.

ޑިމޮކްރެޓްސްއިން ބުނީ، ރައީސް މުއިއްޒުގެ އަމަލުތައް ބަލައި ނުގަންނަ ކަމަށާއި ގާނޫނުއަސާސީގެ ހުރުމަތާއި ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ހަނދުމަކޮށް އަރުވާ ކަމަށެވެ.