ސައްހަ ނޫން "ލޯކަލް ސަނަދު"ތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްކިޔުއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރުމުން ދޭ "ލޯކަލް ސަނަދުތަކުގައި" ރިކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓާލާފައި ކަމަށެވެ.

"މި އޮތޯރިޓީގެ ފޭކް ރިކޮގްނިޝަން ތައްގަނޑެއް ބޭނުންކޮށް މި އޮތޯރިޓީގެ މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސަނަދުތަކެއް މި އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ..،" އެމްކިޔުއޭ އިން ބުންޏެވެ.

އެފަދަ ކަންކަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި އެމްކިޔުއޭ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެހެންވެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުންޏެވެ.

"އަދި މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ވާހަކަ ވެސް ދެންނެވީމެވެ..،" އެމްކިޔުއޭ އިން ބުންޏެވެ.

ސައްހަ ނޫން ސަނަދުތައް ދައުރުވާ މައްސަލައިގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް އެމްކިޔުއޭ އިން ބުންޏެވެ.