ހުރިހާ ޕާޓީއެއްގެ އާންމު މެންބަރުން ފާޅުކުރާ ޝުއޫރުތަކުން ހިތްވަރާއި އަޒުމު އާވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ރުހުން ދެއްވައިފައެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުން އެ ނިންމުން ނިންމި ކަމުގައިވިޔަސް، ގައުމީ ހިދުމަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑާ މެދު ހުރިހާ ޕާޓީއެއްގެ އާންމު މެންބަރުން ފާޅުކުރައްވަމުން ގެންދަވާ ހެޔޮ ޝުއޫރުތަކުން ހިތްވަރާއި އަޒުމު އާވޭ. ޝުކުރިއްޔާ ލޮބުވެތި އުހުތުންނާއި އަހުން،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރުހުން ނުދިން ތިން ވަޒީރުން ވެސް މިއަދު ވަނީ އަލުން މަގާމުގެ ހުވާކުރައްވައިފައެވެ. އަލުން ހުވާކުރެއްވުމަށްފަހު އެކްސްގައި ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލޯތްބާއި އިހުތިރާމާއެކު މަސްއޫލިއްޔަތު އަދާކުރެއްވުން މަތީ ދެމިހުންނަވާނެ ކަމަށާއި ރައީސް ހަވާލުކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެ ކަމަށެވެ.

އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވުމުން، ރުހުން ހޯދުމަށް އަނެއްކާވެސް މަޖިލީހަށް ފޮނުވަން ޖެހޭނެއެވެ. ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހޭނީ މަގާމަށް އައްޔަންކުރާތާ ހަތް ދުވަހުގެ ތެރޭގައެވެ.