ޕައިރެޓުން އަތުލައިގަތް ލަންކާގެ މަސްބޯޓު، ސީޝެލްސް ސިފައިން ސަލާމަތްކޮށްދީފިއެވެ.

ހަ ފަޅުވެރިންނާއެކު އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ މަސްބޯޓެއް ހައިޖެކް ކުރުމާއެކު ލަންކާގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ.

ލޮރެންޒޯ ޕުތާ-4 ނަމަކަށް ކިޔާ އެމަސްބޯޓު ހައިޖެކް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ލަންކާގެ އޮފިޝަލުން ބުނެއެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ ވަނީ ލަންކާގެ ބޯޓު ސަލާމަތް ކޮށްފައިވަނީ ސީޝެލްސްގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ވިދާޅުވެފައެވެ. ރަނިލް ވިދާޅުވީ ސޯމާލިއާ ޕައިރެޓުންގެ ކިބައިން މި މަސްބޯޓު ސަލާމަތް ކުރުމަށް ފަހު އެބޯޓާއި ފަޅުވެރީން ސީޝެލްސްގެ ސިފައިންގެ ބެލުމުގެ ދަށުން އެގައުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

ސޯމާލިއާ ޕައިރެޓުންގެ އުނދަގޫ އަރަބި ކަނޑުން ދަތުރުކުރާ އުޅަނދުތަކާއި އިންޑިއާ ކަނޑުގެ ހުޅަނގުން ދަތުރުކުރާ ބޯޓުތަކަށް 2011 ވަނަ އަހަރުން ފެށިގެން ކުރަމުން ދާކަމަށް އޮފިޝަލުން ބުނެއެވެ.