"ހަފުތާ 14"ގައި އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތެއްހެން ފެށިފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިދުމަތްތައް ރަން އަކުރުން ލިޔެލަން ޖެހޭ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި މިރޭ ބޭއްވި ވަޒީރުންގެ "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ހައްސާސް ވަގުތެއްގައި ކަމަށާއި އެއީ ރާއްޖޭގެ ގައުމީ ބަހާތައް އިތުރަށް ވަރުގަދަކޮށް، އިސްލާމީ ޝަހުސިއްޔަތު ވެސް އިތުރަށް ވަރުގަދަކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާތަކުގެ ތެރޭގައި އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ދީނީ ދާއިރާއާ ގުޅޭ ކަންތައްތަކުގެ ގާތްގަނޑަކަށް ހުރިހާ ކަމެއްހެން މިހާރު ވަނީ ފެށިފައޭ. ދެ މަސް ދުވަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ އަޅުގަނޑުމެން ކެބިނެޓް މެންބަރުންގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ، ރަން އަކުރުން ލިޔަން ޖެހޭ ފަދަ ވާހަކަތަކެކޭ އެއީ، ހިދުމަތްތަކެކޭ އެއީ. އެމަނިކުފާނު ރެޔާއި ދުވާލު އެ ކުރައްވާ މަސައްކަތްޕުޅުތަކުން، ދެއްވާ އިރުޝާދުތަކުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މެނިފެސްޓޯގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކުރަން ހިމަނާފައިވާ ގޮތަށް އެ އިދާރާ ވެސް މިހާރު ރައީސް ގާއިމުކުރައްވާފައިވާ ކަމަށާއި ޒަކާތަށް ހާއްސަ ވެބްސައިޓެއް އިފްތިތާހުކުރެވި، އިލްމީގޮތުން ހާއްސަ ލައިބްރަރީއެއް ވެސް އޮންލައިންކޮށް ގާއިމުކުރެވިފައިވާ ކަމަށެވެ.
"މި ވާހަކަ މިހެން ދައްކާ އިރުގައި، މިއީ އިސްލާމްދީނުގައިވާ ވަރަށް މުހިންމު މަތިވެރި ރުކުނެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެން މިއަދު ޖީލުތަކުން ދެން ކުރިއަށް އޮންނަ ޖީލުތަކަށް ވާސިލުކޮށްދޭން ޖެހޭ މުހިންމު ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. މިކަން ދިވެހިރާއްޖޭގައި މިހާ ވަރުގަދަކޮށް ގާއިމުކުރެއްވި ފުރަތަމަ ވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން. ވަރަށް ސާބިތުކަމާއެކު އަޅުގަނޑު މި ދަންނަވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި 700 އެއްހާ މިސްކިތް ހުރި އިރު، މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް އެކުލަވާލައްވާފައިވާ ކަމަށާއި އެއީ އިސްތިޝާރީ ލަފައާއި މިސްކިތްތަކާ ގުޅޭ ކަންތައްތަކުގައި ލަފާ ދިނުމާއި އެކަންކަން ކުރިއަށްގެންދިއުމަށްޓަކައި ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެކުލަވައިލެއްވި ގައުމީ މަޖިލީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު