ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، އިސްލާމިކް މިނިސްޓްރީގައި 27 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށާއި ނަމަވެސް މިހާރު އެ ދަރަނި ދައްކައި ހަލާސްކޮށްފައިވާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި މިރޭ ބޭއްވި ވަޒީރުންގެ "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި އޮތް އިގުތިސާދީ ދަތިކަމުގެ ތެރެއިން ވެސް އެ ދަރަނި ދެއްކުމަކީ މުހިންމު ކަމެއް ކަމަށާއި މަޝްރޫއުތައް ހުއްޓިފައިވަނީ ވެސް ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާތައް ނުދެއްކިގެން ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ގާއިމުވި އިރުގައި، އިސްލާމީ ވުޒާރާ އެކަނި 27 މިލިއަން ރުފިޔާގެ ދަރަނި އޮތް. ރައީސްގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ވަނީ މި ދަރަނިތައް ފިލުވައިލުމަށްޓަކައި މިނިސްޓްރީއަށް ފައިސާ ހަމަޖައްސަވާފައި. މިހާރު މިވަނީ މި 27 މިލިއަން ރުފިޔާގެ ދަރަނި ފިލުވާލާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިހާރު ކުންފުނިތަކަށް ފައިސާ ދެއްކިފައިވާ ކަމަށާއި އެހެންކަމުން ރައީސްގެ އިރުޝާދުގެ ދަށުން ލަސްތަކެއް ނުވެ، ހުއްޓިފައިވާ މަޝްރޫއުތައް ވެސް އަލުން ފެށިގެންދާނެ ކަމަށެވެ. އަދި ލަސްތަކެއް ނުވެ އެތަންތަނުން ރައްޔިތުންނަށް ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެފައި ހުރި އިސްލާމީ މަރުކަޒުތައް ހުރީ ހުއްޓިފައި، އެއްވެސް ކަމެއް ނުކުރެވޭ، ތަންތަން ދިޔައީ ވީރާނާވަމުން. ރައީސް މިހާރު މިވަނީ އެތަންތަނުގައި އިލްމީ މަސައްކަތްތައް ކުރެވޭނެ ގޮތް ހައްދަވައިދެއްވާފައި. އައިޔޫއެމުން މިހާރު އެވަނީ ކޯސްތައް އިއުލާންކޮށް، އެތަންތަނުގައި ދަރިވަރުންނަށް މާލެ ނައިސް ތައުލީމު ހާސިލުކުރެވޭނެ ގޮތް ހައްދަވައިދެއްވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި 700 އެއްހާ މިސްކިތް ހުރި އިރު، އެ މިސްކިތްތަކުގެ ކަންތައްތައް ވަރަށް ގާތުން ބައްލަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށާއި މިހާރު އެކަމަށް މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އެއީ އިސްތިޝާރީ ލަފައާއި މިސްކިތްތަކާ ގުޅޭ ކަންތައްތަކުގައި ލަފާ ދިނުމާއި އެކަންކަން ކުރިއަށްގެންދިއުމަށްޓަކައި ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެކުލަވައިލެއްވި ގައުމީ މަޖިލީހެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.