އަންނަ މަހުން ފެށިގެން ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލި ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެ ނިންމެވުމަށް އަމަލު ކުރަންޖެހޭގޮތެއް ހައުސިން މިނިސްޓްރީން އަދި އަންގާފައި ނުވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނެފިއެވެ.
އެކަމާ ބެހޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން އެޗްޑީއެފްސީގެ މީޑިއާ އޮފިޝަލް ސާޖިދާ މުސްތަފާ ވިދާޅުވީ، ފުލެޓުތަކަށް ދައްކަންޖެހޭ ފައިސާ ކުޑަކުރި ނިންމުމަށް އަަމަލު ކުރަންޖެހޭގޮތެއް ރަސްމީކޮށް އަދި އަންގާފައި ނުވާ ކަމަށެވެ.
"އަދި އެއަށް އަމަލު ކުރަންޖެހޭގޮތެއް ރަސްމީކޮށް އަންގައިފައެއް ނުވޭ، އެހެންކަމުން ރަސްމީކޮށް އެއަށް އަމަލު ކުރަންޖެހޭ އުސޫލެއް މި ކޮޅަކު ނެތް، މިކޮޅަށް އެންގެވިހާ އަވަހަކަށް އެކަން އާއްމު ކުރާނަން،" ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ، އެކަމުގައި އެޗްޑީއެފްސީން ވަކި ގޮތެއް އަންގަންދެން ނުވަތަ ހައުސިން މިނިސްޓްރީން ލިޔުމުން ވަކި އެއްޗެއް އަންގަންދެން، ފައިސާ ދައްކަންޖެހޭނީ މިހާރުވެސް ފައިސާ ދައްކަމުން އަންނަ އުސޫލުން އެ އަދަދަށް ކަމަށެވެ.
"މިތަނުން ވަކިގޮތެއް އަންގަންދެން ނުވަތަ، ހައުސިން މިނިސްޓްރީން ލިޔުމެއް ލިބެންދެން ފައިސާ ދައްކަމުންދާނީ މިހާރުވެސް ދައްކާ އުސޫލުން،" އޭނާ ވިދާޅުވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ފުލެޓަށް ފައިސާ ދައްކާގޮތަށް ހަމަޖެހިގެންދާ އިރު، ވެރިފަރާތާއެކު އެޗްޑީއެފްސީން ހަދާފައިވާ އެގްރީމެންޓުތަކަށް ބަދަލު ގެނައުމާމެދު މަޝްވަރާކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތަކަށް ހަމަނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ފޭސް އެކަކުން ދޫކޮށްފައިވާ ފުލެޓުތަކަކީ އެޗްޑީއެފްސީއާއެކު ހަދާފައިވާ އެގްރީމެންޓެއްގެ ދަށުން އެތަނަށް ފައިސާ ދައްކާގޮތަށް ދީފައިވާ ފުލެޓުތަކެކެވެ.
ހުޅުމާލެ ފޭސް އެކެއްގެ ފުލެޓުތަކުން ދައްކަންޖެހޭ ކުލި އަންނަ މަހުން ފެށިގެން ކުޑަކުރެއްވުމަށް ނިންމެވިކަން ރައީސް މުއިއްޒު އިއްލާން ކުރެއްވީ، މިދިޔަ މާލޭ ސިޓިގެ މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީން ވާދަކުރެއްވި އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ހުޅުމާލޭގައި ވާހަކަފުޅުދައްކަވަމުން މި މަހުގެ ހަވަނަ ދުވަހުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކުގެ މަހުން މަހަށް ދައްކަންޖެހޭ އަދަދަކަށް މިހާތަނަށް ސަރުކާރުން ލުއި ދީފައިނުވާ ކަމަށާއި ނަމަވެސް އަންނަ މަހުން ފެށިގެން އެ ބަދަލު އަންނާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު މިތަނުގައި އިއުލާންކޮށްލަން ބޭނުންވަނީ މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފުލެޓަކުން މި އަންނަ މަހުން ފެށިގެން 20 ޕަސަންޓު އަގު ކުޑަވެގެންދާނެއޭ. އެހެންވީމާ މި ލުއި އަޅުގަނޑުމެން ރައްޔިތުންނަށް މި ދެނީ އިގުތިސާދީ ހާލަތު ހުރިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި، އާމްދަނީ އަތްމަތީގައި ވަރަށް ކުޑަ. އެހެންވީމާ ދެއްކެން އޮތް އެއްޗެއް މި ދެއްކެނީ ވަރަށް ހާލުގައި. ސަރުކާރުން އެހީތެރިކަން މިކަމުގައި ދޭން ބޭނުން. ސަރުކާރުން ދެން އެ 20 ޕަސަންޓް މެނޭޖުކުރާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު