ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ދިރާގުން ބާއްވާ "ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1" ފަށައިފިއެވެ.
ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް އެކަކީ ތަފާތު ކުޅިވަރު ތަކާއެކު މުޅި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ސިލްސިލާ ފެށުން ކަމަށެވެ.
މިހާރު ކުރިއަށްދާ މިނީ ސީރީޒް އެކަކަށް ރަޖިސްޓްރީ ވާން ދިރާގުން މިދިޔަ ހަފުތާ ހުޅުވާލި އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގޭމަރުންގެ ފަރާތުން ބޮޮޑު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުންޏެވެ.
އެ މުބާރާތް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާއިރު، އެ މުބާރާތުގެ ހުރިހާ މެޗެއްވެސް އެ ކުންފުނީގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެއެވެ.
އެ މުބާރާތް ފެށުމާ ގުޅިގެން އެ ކުންފުނީގެ ބްރޭންޑް އެންޑް އިންވެސްޓް މެނޭޖަރު ނާޔާ ޝަރީފު ވިދާޅުވީ އީސްޕޯސްޓްއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގޭނެ ކުޅިވަރެއް ކަމަށް ގަބޫކުރައްވާ ކަމަށެވެ.
"މި މުބާރާތަކީ ދިވެހި ގޭމަރުންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ގޭމިން ކުރިއެރުވުމަށް މަގުފަހިކޮށްދީ، ތަފާތު އޮންލައިން ގޭމްތަކަށް އެކި ގޭމިން ކޮމިއުނިޓީތައް ބިނާކުރުމަށް ކުރެވޭ މުހިންމު ކަމެއް" ނާޔާ ވިދާޅުވިއެވެ.
މިދިޔަ އަހަރުވެސް ދިރާގުން "މޮބައިލް ލެގެންޑްސް ކޮންކުއެސްޓް 2023"ގެ ނަމުގައި އީސްޕޯޓްސް މުބާރާތެއް ބޭއްވިއެވެ. 100،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ބޭއްވި އެ މުބާރާތަކީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް ކަމަށް ދިރާގުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު