އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްލާމިކް ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާ ކޮށްފިއެވެ.
އެ އެނދުތަކަކީ ޖުމުލަ 504،000 ރުފިޔާގެ އަގުހުރި ޒަމާނީ ފެންވަރުގެ މެޑިކަލް އެނދުތަކެކެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެއްޗާ ރަމްޒީގޮތުން ހަވާލުވެ ވަޑައިގެންނެވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ. އެ ތަކެތި މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމާ އެކު، ރައްޔިތުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބުވަމުން އަންނަތަން ފެނުމުން އުފަލާއި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި، މުޖުތަމައުގެ އެންމެ ނިކަމެތި މީހުންނަށް އަޅާލެވޭ މިންވަރަކީ މުޖުތަމައުގެ އިހުސާންތެރިކަން ވަޒަން ކުރެވޭ މިނެއްކަން ދިރާސާތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކ. ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަކީ ކޮންމެވެސް މީހެއްގެ ގާތްތިމާގެ މީހެއް، މަންމައެއް ނުވަތަ ބައްޕައެއް ކަމަށާއި އެ މަރުކަޒުގެ ހަގީގީ އަމާޒަކީ އެތަނުގައި ތިބި ފަރާތްތައް މުޖުތަމައަށް އަނބުރާ ގެނެސްދީ، އަބުރުވެރި އުފާވެރި ދިރުއުޅުމެއް ހޯދައިދިނުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އިހުސާންތެރިކަމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެއް ކަމަށާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމައުގެ އެންމެ މުހިންމު އެއް އިޖުތިމާއީ އަހުލާގު ކަމަށެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، މިސްކިތްތަކުގެ މަރާމާތަށާއި ދީނީ ކަންކަމަށް އެހީތެރިވުމަށް ރައްޔިތުން ހަދިޔާކުރާ ޚައިރާތު ފައިސާ އިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު