މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުގެ ރިޕޯޓުގައި ބަދަލުގެ ގޮތުގައި ހޭދަކޮށްފައިވާ ފައިސާގެ އަދަދު ހާމަކުރި ނަމަވެސް، އެ ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

އެ މައުލޫމާތު ހޯދަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ގުޅައި މެސެޖު ކުރުމުންވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދޭން ކަނޑައަޅާފައި ހުންނަ ބޭފުޅާއަށް މެސެޖު ކުރުމުންވެސް އަދި ޖަވާބެއް ނުލިބެއެވެ.

މިއަހަރުގެ ބަޖެޓުގައި ބަދަލުގެ ގޮތުގައި ދޭން 101 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މިދިޔަ އަހަރު 101 މިލިއަން ރުފިޔާ ބަދަލު ދޭން ބަޖެޓު ކުރި ނަމަވެސް އަހަރު ނިމުނުއިރު 557 މިލިއަން ރުފިޔާ ދީފައިވެއެވެ. އެއީ ބަޖެޓް ކުރި އަދަދުގެ ފަސް ގުނަ އިތުރު އަދަދެކެވެ.