ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކްސް ވޯކްސް މިނިސްޓްރީގެ ފަރާތުން ވަނީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވަމުންދާތީ، އެކަން ހައްލު ކުރުމަށް، ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރުމަށް ކެބިނެޓަށް ހުށަހަޅާފައި ކަމަށެވެ.
"މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއާ މާލެ ސިޓީއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މި ޕެޓް ކެއާގެ ފެސިލިޓީ ގާއިމުކޮށް، ކ. ފަރުކޮޅުފުށީގައި ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް މާލެ ސިޓީ ކައުންސިލުން ގާއިމުކޮށް، އެތަނަށް މާލެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެތަނުގައި ގާއިމުކުރުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޕެޓް ކެއާ ފެސިލިޓީ ހެދުމަށް ބޭނުންވާ ބިން ވަނީ ހަމަޖެހިފައި ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު، މާލޭގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ވިދާޅުވެފައިވަނީ ބުޅާ ފެސިލިޓީގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމަށް ނިމި، އެކަމުގެ އެގްރީމެންޓާ ހިސާބަށް ދެވުނު ކަމަށެވެ. ނަމަވެސް އެކަމުގައި އެޗްޑީސީގެ ރާގު ބަދަލުވެ، ފެސިލިޓީ އަޅަން އަދި އެކަމަށް ބިމެއް ދޭންވެސް އެ ކުންފުނިން ފަހުން ބޭނުންނުވި ކަމަށް ވިދާޅުވެފައިވެއެވެ.
އޭރު ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ބުޅާ ފެސިލިޓީއެއް ގާއިމުކުރަން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު