"ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު"ގެ ނަމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިދާރާއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު"ގެ ނަމުގައި އިދާރާއެއް ރައީސް މުއިއްޒު މިއަދު އުފައްދަވައި، އެ އިދާރާއަކީ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، "ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމު"ގެ ތެރެއިން ދިވެހިބަހާއި ތާރީހާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސާފައިވާ ރަސްމީ ނަމަކީ "National Institute for Maldivian Heritage Research" އެވެ. ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް ލިޔާ ސިޓީގައި ޖަހަން ޖެހެނީ 497 އެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ހިދުމަތްކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިރާއްޖެއާއި ދިވެހި ގައުމިއްޔަތު (ދިވެހިވަންތަކަން)އާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުމާއި އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު