ގައުމީ އެއާލައިން، މޯލްޑިވިއަނުން ޅ. އަތޮޅުގައި އޮންނަ މަޑިވަރު އެއާޕޯޓަށް ފެއާ ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ މި ފެއާ ދަތުރުގެ އެއްކޮޅުގެ އަގަކީ 949 ރުފިޔާ ކަމަށެވެ. މީގެ ކުރިން މަޑިވަރަށް އެއްކޮޅު ދަތުރުގެ އަގަކީ 1377 ރުފިޔާއެވެ.

އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. މިހާރުވެސް ބުކިންގެ ކަންކަން ކުރެވޭނެ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން ފެއާ ދަތުރުތައް ލިބޭނީ އޮންލައިންކޮން މޯލްޑިވިއަންގެ މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓު ނެގުމުން ކަމަށް އެ އެއާލައިނުން ބުންޏެވެ.

ގައުމީ އެއާލައިނުން ޑޮމެސްޓިކް ތިން އެއާޕޯޓަކަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރަން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި އެ ބަދަލު ގެނައީ ޖުލައި 20 ގައެވެ.

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި ނ. މާފަރު އެއާޕޯޓާއި، ރ. އިފުރު އެއާޕޯޓުގެ އިތުރުން ޅ. މަޑިވަރު އެއާޕޯޓަށް އެ އެއާލައިނުން ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރަން ވަނީ ނިންމައިފައެވެ.

އެގޮތުން އެ ތިން އެއާޕޯޓަށް ކޮންމެ ދުވަހަކު އިތުރު ފުލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އެ ބަދަލާއެކު ކޮންމެ ދުވަހަކު މަޑިވަރުން މާފަރަށް އަދި މާފަރުން މާލެއަށް ވެސް ފްލައިޓެއް އޮންނާނެއެވެ. މިއީ މޯލްޑިވިއަނުން ޑޮމެސްޓިކް އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް ޝެޑިއުލް ފުލައިޓުތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލް މިހާރު އޮތް ގޮތުން އިފުރަށް ބާއްވަނީ ދުވާލަކު ދެ ފުލައިޓެވެ. އަދި މާފަރަށާއި މަޑިވަރަށް ބާއްވަނީ ދުވާލަކު ފުލައިޓެކެވެ.

އެއާޕޯޓުތަކަށްވެސް ފުލައިޓު އިތުރުކުރަންޖެހޭ ނަމަ އެކަން ކުރަމުންގެންދާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހުޅުވީ ފެބްރުއަރީ 18، 2022 ގައެވެ.

އެ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއްގެ އިތުރުން 1200 މީޓަރުގެ ރަންވޭއަކާއި، ފުލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ވަނީ ގާއިމުކޮށްފައެވެ.