ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ޔުގެންޑާއަށް މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ނައިބު ރައީސް، ޔުގެންޑާއަށް ކުރައްވާ ދަތުރުފުޅަކީ ޔުގެންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ (ޖީ77)"ގެ ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ދެ ސަމިޓުގައި ނައިބު ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ، ނާމްގެ މެމްބަރު ގައުމަކަށް ވެފައިވަނީ 1976 ވަނަ އަހަރުއެވެ. ޖުމުލަ 120 ގައުމެއް ހިމެނޭ ނާމްގައި ރާއްޖެއަކީ ވަރަށް ހަރަކާތްތެރި ގައުމެކެވެ. ރާއްޖެއިން ޖީ77 އެންޑް ޗައިނާގައި ބައިވެރިވީ ވެސް 1976 ވަނަ އަހަރުގައެވެ.
އެފަހުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުހިންމު ބައެއް މައްސަލަތައް ކަމުގައިވާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ތަމްސީލުކުރުމާއި އެ ގައުމުތަކުގެ ހައްގުގައި ވަކާލާތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު