އެއާއޭޝިޔާ ފްލައިޓަކުން ހަރުފައެއް ފެނިއްޖެއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުން ޕުކެޓަށް ދަތުރުކުރި އެއާއޭޝިޔާ ފްލައިޓު އެފްޑީ 3015 އިން ހަރުފަ ފެނިފައި ވަނީ ފަސިންޖަރުން ތިބޭ ކެބިން ތެރެއިން ކަމަށް އެއެއާލައިނުން ބުނެއެވެ.

އެއާ އޭޝިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ އެއާލައިނުގެ ފްލައިޓަކުން ހަރުފައެއް ފެނުމުން އެކަން ފްލައިޓުގެ ފަޅުވެރީންނަށް އަންގާފައިވަނީ ފަސިންޖަރެކެވެ.

އެ ބަޔާނުގައި ބުނީ އެއާ އޭޝިޔާގެ ހުރިހާ ފްލައިޓެއްގެ ފަޅުވެރީންނަކީ އެފަދަ ކަންކަމަށް ފުރިހަމައަށް ތަމްރީނު ދެވިފައިވާ ބައެއްކަމަށާއި ފްލައިޓު ޖެއްސުމާއެކު މީހުން ހުސްކޮށް މުޅި ފްލައިޓު ސާފުކޮށް ސަލާމަތީ ކަންކަން ފުރިހަމަ ކުރިކަމަށެވެ.

އެއާ އޭޝިޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ހަރުފަ ފެނުނު ނަމަވެސް އެ ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.

2022 ވަނަ އަހަރު ފެބްރުއަރީ މަހުވެސް އެއާއޭޝިޔާގެ ފްލައިޓަކުން ވަނީ ހަރުފައެއް ފެނިފައެވެ. މެލޭޝިޔާގެ ކުއަލަމްޕޫރުން ސަބާއަށް ދަތުރުކުރި އެ ފްލައިޓު ވަނީ އެހެން އެއާޕޯޓަކަށް ޑައިވާޓްކޮށް ދަތުރުވެރީންނާއި ފަޅުވެރީން ހުސްކޮށްފައެވެ.