ޔޫޓިއުބުން ހޭނައްތާ ވީޑިއޯއެއް ބަލައިގެން ގެމަނަފުށި ސްކޫލު ދަރިވަރެއްގެ ހޭނެއްތި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ކުއްޖާގެ އާއިލާގެ މެންބަރަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ގެމަނަފުށި ދަރިވަރުންތަކެއް ވެގެން މެޔަށް ފިއްތައިގެން ކުއްޖާގެ ހިތް ހުއްޓުވާފައިވާ ކަމަށާއި ގްރޭޑު ނުވައެއްގައި ކިޔަވާ އެ ކުއްޖާގެ ހާލު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

ގެމަނަފުށި ސިއްހީ މަރުކަޒުގައި އެނދުމަތި ކުރުމަށްފަހު މިއަދު ތިނަދޫ ހޮސްޕިޓަލަށް ކުއްޖާ ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ކުއްޖާގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ވަން"އަށް މައުލޫމާތު ދިން ގޮތުގައި މިހާރު އެ ކުއްޖާ ހޭ އަރައި، ހާލު ރަނގަޅެވެ. އެ ކުދިން ޔޫޓިއުބުން ހޭނައްތާ ވީޑިއޯއެއް ބަލައިގެން، އޭގެ ތެރެއިން އެއް ކުއްޖަކު އެގޮތަށް ހޭނެއްތީ ކަމަށާއި ނަމަވެސް އެއީ އެ ކުއްޖާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް "ވަން" އިން ގުޅުމުން ވިދާޅުވީ، އެފަދަ މައުލޫމާތެއް މިނިސްޓްރީއަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ މީޑިއާއިން ފޯނު ނުނަގާތީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިކަން ވެސް ކަށަވަރެއް ނުވެއެވެ.