ހއ. ދިއްދޫ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާގައި މަސައްކަތް ކުރި މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު އާ ނުކޮށް ވަޒީފާ އިން ވަކިކުރި މައްސަލާގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ކޮންޓްރެކްޓު އާ ނުކޮށް ކަނޑާލި މުވައްޒަފުންގެ ތެރޭގައި ހިމެނޭ މީހަކު "ވަން" އަށް މިއަދު ބުނީ، ވަޒީފާ އިން ވަކިކުރިކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުން ކަމަށެވެ.

އޭނާ ބުނި ގޮތުގައި ކޮންޓެރްކްޓު ހަމަވެގެން ވަޒީފާ އިން ވަކި ކޮށްފައި ވަނީ 53 މުވައްޒަފުންނެވެ.

ވަޒީފާއިން ވަކިކުރި މީހުން މިއަދުން ފެށިގެން ދަނީ އިޖުތިޖާޖުކުރަމުންނެވެ.

މިކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރީ ދިއްދޫ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.

ފެނަކައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކޮންޓްރެކްޓް ހަމަވެގެން އެ ކުންފުނީގެ 904 މުވައްޒަފަކު ވަޒީފާއިން ވަކި ކުރިއެވެ. އެކަމުގެ ސަބަބުން 5.3 މިލިއަން ރުފިޔާ ސަލާމަތްވި ކަމަށް އެކުންފުނިން ބުންޏެވެ.