އަރަބިއްޔާ ސްކޫލުގައި ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދޭނެ ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެ ސްކޫލުގެ ސެކަންޑްރީ މާއްދާތައް ކިޔަވައިދެނީ ބިދޭސީ މުދައްރިސުން ކަމަށާއި އޭގެ ބަދަލުގައި އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ތަމްރީނު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރާނީ އިންޓަނޭޝަނަލް ޖަމިއްޔާތަކާއި ބައިލެޓްރަލް ގުޅުންތައް އޮންނަ ގައުމުތަކާ ގުޅިގެން ކަމަށެވެ.

"ވަރަށް ގިނަ ސްކޫލުތަކުގައި އިނގިރޭސި ބަހުން ހަމަ ދިވެހިން މި ކިޔަވައިދެނީ. ހަމަ އެގޮތަށް، އަރަބި ބަހުން ކެމިސްޓްރީ އާއި ފިޒިކްސް އާއި އެކިއެކި ސައިންސް ސަބްޖެޓުތަކުގެ އިތުރަށް، ބިޒްނަސް ސްޓްރީމް ސަބްޖެކްޓްސްތައް އަރަބި ބަހުން ކިޔަވައިދެވޭނެ ދިވެހިން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަޅުގަނޑުމެންނާ ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި އަޅުގަނޑުމެން އިރާދަކުރެއްވިޔާ ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދަޅުވިއެވެ.

އެގޮތުން، އުންމީދަކީ ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރު ތެރޭގައި އެކަށީގެންވާ އަދަދަކަށް މުދައްރިސުން ތަމްރީނު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އަރައްބިއްޔާގެ ހިންގުމަށް ބޮޑު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށާއި ދިވެހި ރާއްޖޭގައި އަރަބި ތައުލީމު ފުޅާކުރުމަށްވެސް ފުރުސަތު ފަހުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އަލަށް އުފެއްދި "ގައުމިއްޔަތު" މާއްދާ ކުރިއަށް އޮތް ދެތިން ހަފުތާތެރޭގައި، ކިޔަވައިދޭން ފަށާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ފަށާނީ ޕައިލެޓު މަރުހަލާ ކަމަށާއި އެންމެ ފުރަތަމަ ކިޔަވައިދޭނީ ގްރޭޑު ހަތަރަކަށް ކަމަށް ވިދާޅުވިއެވެ.