ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް އެ ފެސިލިޓީ އިފްތިތާހުކޮށްދެއްވީ ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރަން ފެށުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ގާއުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ "ހަފުތާ 14" ގައި ހިމެނޭ ކަމެކެވެ.

ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވައިލައްވައިފައެވެ. އަދި ވަނީ ސޯޝަލް ސެންޓަރުގައި ފަށާ މި އަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓްބޯލް މެޗެއް ވެސް ބައްލަވައިލައްވައިފައެވެ.

ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ސިއްހީ މިންގަނޑެއްގައި ގާއިމުކޮށްފައި ހުންނަން ޖެހެއެވެ. ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ސިއްހީ ފުރަތަމަ އެހީ ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެއެވެ.

އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުސަތެއްގައި ރައްކާތެރިކަމާއެކު ސިއްހީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އެމަޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުމެވެ.