މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްގީކޮށް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް ޑުރަގު އެޖެންސީ(އެންޑީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައި "ފަރުވާދޭ މަރުކަޒުތައް އުފެއްދުން" މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިހުތިޔާރު އެންޑީއޭއަށް ލިބިގެންވާ ކަމަށެވެ.

އެ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 13:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

  • - އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތް ފޯރުކޮށްދިނުން
  • - ސައިކޭޓްރިކް އިވެލުއޭޝަން ހެދުން
  • - ކައުންސެލިން ހިދުމަތް ދިނުން
  • - ސައިކޯ-ސޯޝަލް ތެރަޕީ ހިދުމަތް ދިނުން
  • - ޑްރަގް ޓެސްޓްކުރުން
  • - ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން

މަސްތުވާތަކެތީގެ ފަރުވާ ދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދިނުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

އެކަމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް މީގެ ކުރިން ވިދާޅުވެފައުވަނީ ޕްރައިވެޓް ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދިނުމަށް ނިންމެވީ ކެބިނެޓުގެ މަޝްވަރާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފެއްޓުން،" ނާޒިމް ވިދާޅުވިއެވެ.

އެ ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައެވެ.

ރާއްޖޭގައި މިވަގުތު ހިންގަނީ ތިން ރިހިބިލިޓޭޝަން ސެންޓަރެވެ. އެއީ ކ. މާފުށި ރިހިލިބިޓޭޝަން ސެންޓަރާއި ހުޅުމާލެ ހާފްވޭ ހައުސް އަދި މާލޭގައި ހިންގާ ނޭޝަނަލް ޑްރަގް އެޖެންސީއެވެ. މި ސަރުކާރުގެ ސިޔާސަތަކީ ޑްރަގް އެޑިކްޝަނަކީ ސިއްހީ ކަމަކަށް ބެލުމުގެ ބަދަލުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެން އެކަމަށް ހައްލު ހޯދުމެވެ.