މިދިޔަ ބުދަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި، މަންޓާ އެއާގެ ސީޕްލޭނަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
ސޯޝިއަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަންޓާގެ އެ ބޯޓު ވަނީ ރަށެއްގެ ތޮއްޓަށް ލައްވެފައެވެ. ގަދަ ވަޔާއިއެކު، ބޯޓު ތޮށީގައި ޖެހެމުންދެއެވެ. ބޯޓުގެ ކުރީކޮޅުން ބޮޑު ބާގަނޑެއް ހެދިފައިވާއިރު، އެހެން ދިމަދިމާއަށްވެސް ގެއްލުންތައް ލިބިފައިވެއެވެ.
މި ކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން، މަންޓާގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެ ހާދިސާ ހިނގީ ބުދަ ދުވަހުގެރޭ ޖެހުނު ގަދަ ވަޔާއި އެކު ކުރި ވިއްސާރައިގެ ސަބަބުން ކަމަށެވެ. ބޯޓު އަޅާފައި އޮތް ފައްތިޔަލުން ކަނޑައިގެން ގޮސް، ލައްވީ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.
"މިހާރު އެ ބޯޓު ވާނީ މަރާމާތަށް ގެންގޮސްފައި. މަރާމާތަށްފަހު ވަރަށް އަވަހަށް އަލުން ހިދުމަތަށް ނެރެވޭނެ." މަންޓާގެ އޮފިޝަލު ވިދާޅުވިއެވެ.
މޫސުން ގޯސް ދުވަސްވަރު، ފައްތިޔާގައި އަޅާފައި ހުންނަ އުޅަނދުފަހަރު ކަނޑައިގެން ގޮސް ލައްވުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެ ގޮތުން، ބޮޑެތި އާގު ބޯޓުފަހަރާއި މާލެ ދަތުރުކުރާ ބޯޓުފަހަރާއި މަސްވެރިކަންކުރާ އުޅަނދު އަދި ސީޕްލޭން ވެސް އަޅާފައި އޮންނަ ފައްތިޔަލުން ކަނޑައިގެން ގޮސް ލައްވުން، ނުވަތަ ކަނޑައިގެން ދިއުމުގެ ސަބަބުން ސަލާމަތްކުރާން ޖެހުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު