ހުޅަނގު ޔޫރަޕުގެ ގިނަ ގައުމުތަކުގައި އަދިވެސް އޮންނަނީ ރަސްކަމުގެ ނިޒާމެކެވެ. އިނގިރޭސިވިލާތާއި ސްޕޭނުގައެވެ. ހޮލެންޑާއި ބެލްޖިއަމާއި ޑެންމާކުގައެވެ. ސުވިޑަނާއި ނޯވޭއާއި ލަގްޒެމްބާގުގައެވެ. މީގެ ތެރެއިން ތަޚުތުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި ރަސްކަލަކު ނުވަތަ ރަނިކަނބަލަކު މިހާރު ފެންނަނީ ޑެންމާރކުންނެވެ. ޑެންމާރކުގެ އުމުރުފުޅުން 84 އަހަރުވީ ރާނީ މަގްރެތާ ދެވަނައިގެ ރަނިކަމަށް މިހާރު 52 އަހަރު ވެއްޖެއެވެ. އެކަމަނާގެ ރަނިކަން ފެށުނީ 14 ޖެނުއަރީ 1972 ގައެވެ. ރާނީ މަގްރެތާ ދެވަނައިގެ ރަނިކަމަކީ ޔޫރަޕުގެ އެންމެ ގިނަދުވަސްވީ ރަނިކަން ކަމަށްވިޔަސް މިހާރު ތަޚުތުގައި އެންމެ ގިނަދުވަސްވުމުގެ ދުނިޔޭގެ ރިކޯޑު އޮތީ އަދި އެހެން ބޭފުޅަކަށެވެ. ތަޚުތުގައި 57 އަހަރު ހޭދަކުރައްވާފައިވާ ބުރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްގިޔާއަށެވެ. ރާނީ މަގްރެތާގެ ރަނިކަން މިމަހު ސާދަވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ. އެކަމަނާގެ ދަރިކަލުން ފްރެޑެރިކަށްޓަކައި އަމިއްލަފުޅަށް ތަޚުތު ދޫކޮށްލައްވަނީއެވެ.

ތަޚުތު ދޫކޮށްލައްވަން ނިންމެވިކަން އެކަމަނާ އިއުލާން ކުރެއްވީ މިފެށުނު މީލާދީ އައުއަހަރުގެ މުނާސަބާގައި ގައުމާ މުޚާތަބު ކުރައްވަމުންނެވެ. މިއީ އެއްވެސް ބަޔަކަށް ކުރިން ލަފާކުރެވިފައިވާ ކަމެއްވެސް ނޫނެވެ. ޑެންމާކުގެ މަންމަގެ ނަމުން މަޝްހޫރުވެފައިވާ މަގްރެތާގެ ރަނިކަން އެކަމަނާ އަވަހާރަވުމުގެ ކުރިން ނިމުމަކަށް އަތުވެދާނެ ކަމަށް ޚިޔާލުކުރި މީހަކުވެސް ނެތެވެ. އެހެންވީމާ އެކަމަނާގެ މި ނިންމެވުމަކީ މުޅި ޑެންމާކަށް ކުއްލި ހައިރާންކަމެއް ލިބިގެންދިޔަ ނިންމެވުމެކެވެ. ތަޚުތުގައި އިންނަވާ ބޭފުޅަކު އަމިއްލަފުޅަށް ތަޚުތު ދޫކޮށްލެއްވުމަކީ ޑެންމާކަށް ވަރަށްވެސް އައު ކަމެކެވެ. އެންމެފަހުން މިޒާތުގެ ބަދަލެއް ޑެންމާކުގައި ފެނިފައިވަނީ މީގެ 878 އަހަރު ކުރިން މީލާދީން 1146 ވަނަ އަހަރުއެވެ. ޑެންމާކަށް އައު ކަމަކަށް ވިޔަސް ހުޅަނގު ޔޫރަޕުގައި މިއީ އެހާ އައުކަމެއް ނޫނެވެ. ސްޕޭނާއި ހޮލެންޑާއި ބެލްޖިއަމާއި ލަގްޒެމްބާގުގައި ދާދިފަހަކުން ރަސްކަން ބަދަލުވީ މިބީދައިންނެވެ.

ޑެންމާކުގެ ރަސްކަމަށް އިނގިރޭސިވިލާތުގެ ރަސްކަމަށްވީ ދުވަސްވެއްޖެއެވެ. ގާތްގަޑަކަށް ބާރަސަތޭކަ އަހަރު ފާއިތުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ރަސްކަމެކޭ އެއްގޮތަށް ޑެންމާކުގެ ރަސްކަމަކީވެސް މިހާރު ރަމްޒީ އެއްޗެކެވެ. ދައުލަތް ހިންގުމުގެ ބާރުވެރިޔަކީ ބޮޑުވަޒީރެވެ. އޮންނަނީ ޕާލަމެންޓަރީ ޑިމޮކްރެޓިކް ނިޒާމެކެވެ. ޑެންމާކަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެންމެ މުސްކުޅި އެއް ޑިމޮކްރަސީއެވެ. އެ ޑިމޮކްރަސީއަށްވެސް 185 އަހަރު ވެއްޖެއެވެ. ދައުލަތުގެ އެންމެ އިސްވެރިޔާކަމަށް ވިޔަސް ޑެންމާކުގެ ތަޚުތުގައި އިންނަވާ ބޭފުޅަކަށް ޕާލަމެންޓުގެ ރުހުމާނުލައި ސިޔާސީ ހަރަކާތެއް ނުހިންގެވޭނެއެވެ. ސިޔާސީ ނިންމެވުމެއްވެސް ނުނިންމެވޭނެއެވެ. ޝާހީ ގަނޑުވަރުގެ ޚަރަދު ބަރަދާއި ރަސްކަމުގައި ހުންނަވާ ބޭފުޅެއްގެ ޚަރަދު ބަރަދަކީ ޑެންމާކުގެ ޕާލަމެންޓުން ކޮންމެ އަހަރަކުވެސް ފާސްކުރާ ބަޖެެޓުގެ ތެރެއިން ޝާހީ އާއިލާއަށް ޚާއްސަ ކުރެވޭ މިންވަރެކެވެ. ޝާހީ އާއިލާއަށް މިލްކުވެގެންވާ ބިންބިމާއި އިމާރާތްތައް އަގުކުރީމާ މި އާއިލާގެ މުއްސަނދިކަމުގެ މިންވަރަކީ ގާތްގަޑަކަށް 40 މިލިޔަން ޑޮލަރެވެ.

ޑެންމާކުގެ ރާނީ މަގްރެތާ ދެވަނަ ތަޚުތުން ފައިބާވަޑައިގެން ދަރިކަލުން ފްރެޑެރިކަށް ރަސްކަން ދޫކޮށްލައްވަނީ އެކަމަނާގެ ރަނިކަމަށް 52 އަހަރު ފުރޭ ދުވަހުއެވެ. ޖެނުއަރީ ސާދައިގައެވެ. ރަސްކަން ބަދަލުވުމަށްފަހު އެހެން ގައުމުތަކުން ފެންނަ ޝާހީ ބޮޑެތި ހަފުލާތަކެއް ޑެންމާކަކުން ނުފެންނާނެއެވެ. އައު ރަސްގެފާނުގެ އިސްތަށިފުޅުގައި ތާޖުކޮޅު ބެހެއްޓުމާއި ހަތްކޮޅު ނަންގަވައިގެން ރަށުތެރޭގައި ހިންގެވުމާއި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން އެއްކުރައްވައިގެން ބޮޑު މަންޒަރު ދެއްކެވުން ކަހަލަ އެއްވެސް ކަމެއް ނޯންނާނެއެވެ. އޮންނާނެހާވެސް ކަމަކީ ކަނޑައެޅޭ ވަކި ވަގުތެއްގައި ޝާހީ ގަނޑުވަރުގެ ބެލްކަންޏަކަށް ބޮޑުވަޒީރު ނުކުމެވަޑައިގެން މިހުންނެވީ އައު ރަސްގެފާނޭ ވިދާޅުވެ ރައްޔިތުންނަށް އައު ރަސްގެފާނު ދެއްކެވުމެވެ. ތައާރަފުކޮށް ދެއްވުމެވެ. އެހިސާބުން މުޅި ރަސްމިއްޔާތު ނިމުނީއެވެ. އައު ރަސްކަލަކީ ކުރިންވެސް ދެންނެވުނު ފަދައިން ރާނީ މަގްރެތާގެ ދޮށީދަރިކަލުން އުމުރުފުޅުން 56 އަހަރުވީ ފްރެޑެރިކެވެ.

ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު އައު ރަސްގެފާނުގެ ރަސްމީ ނަންފުޅަކަށްވާނީ ކިންގް ފްރެޑެރިކް ދިހަވަނައެވެ. މި ރަސްގެފާނަކީ އިނގިރޭސި ތަޚުތުގައި މިހާރު އިންނެވި ކިންގް ޗާރލްސްގެ ވެސް ދުރުތާ ތިމާގެ ކޮއްކޯފުޅެކެވެ. ކިންގް ޗާލްސް ފަދައިން ފްރެޑެރިކަކީވެސް އިނގިރޭސިވިލާތުގައި ރަނިކަން ކުރެއްވި ކުއީން ވިކްޓޯރިޔާގެ އައުލާދެވެ. މި ދެންނެވި ކުއީން ވިކްޓޯރިޔާގެ ޚާންދާނު ނޫން ޚާންދާނެއް ޔޫރަޕުގެ ގައުމެއްގައި ރަސްކަން ނުވަތަ ރަނިކަންކުރާ އޮތީ ވަރަށް މަދު ތަނެކެވެ. ކުއީން ވިކްޓޯރިޔާއަކީ ވަރަށް ބޭފުޅުން ގިނަ ރަންޏެކެވެ. ކޮންމެ ބޭފުޅަކު ޔޫރަޕުގެ ކޮންމެވެސް ރަސްކަލަކާ ނުވަތަ ވަލީއަހުދަކާ ކައިވެނިކޮށްދެއްވީމާ މުޅި ޔޫރަޕުގައި ކުއީން ވިކްޓޯރިޔާގެ ޝާހީ އާއިލާއެވެ. އެކަމަކު މި ބޭފުޅުންގެ އުޅުއްވުން އެއްގައުމު އަނެއް ގައުމާ ވަރަށް ތަފާތެވެ. ޚާއްސަކޮށް ޑެންމާކުގައެވެ. ޑެންމާކުގެ ޝާހީ ޚާންދާނުގެ ބޭފުޅުންގެ ދިރިއުޅުއްވުން ވަރަށް ސާދާވެފައި ފަސޭހައެވެ. އާއްމުންނާ މަސްހުނިވުން ބޮޑެވެ. ޝާހީވެގެން، ވަކިވެގެން، ކިބުރުވެރިވެގެން އުޅުމެއް ނެތެވެ.

ގައުމުގެ ސައިޒް ކިތަންމެ ކުޑަޔަސް، އާބާދީ ކިތަންމެ މަދަސް ބައެއް ގައުމުތަކުގައި ރަސްކަމުގެ އާދަކާދަތައް ނިކަން ބޮޑެވެ. ޑެންމާކުގައި އެކަހަލަ އެއްވެސް ކަމެއް ނޯވެއެވެ. ޝާހީ އާއިލާގެ ބޭފުޅުން ތައުލީމު ހާސިލްކުރައްވަނީ އެންމެ އާދައިގެ މީހުންގެ ދަރިންނާއެކު އާދައިގެ ތަންތަނުގައެވެ. މަގުމަތީގައި ބައިސިކަލް ދުއްވަވަނިކޮށް ފެނިދާނެއެވެ. އާދައިގެ ރެސްޓޯރަންޓަކުން ނުވަތަ ސިނަމާއަކުންވެސް ފެނިދާނެއެވެ. ދިރިއުޅުމަށްޓަކައި ކުރައްވަނީވެސް އާދައިގެ މީހުން ކޮށްއުޅޭ މަސައްކަތެވެ. މިމަހު ސާދަ ވަނަ ދުވަހު ރަސްކަމާއި ހަވާލުވެވަޑައިގަންނަވާ ފްރެޑެރިކްގެ އަނބިކަނބަލަކީ އޮސްޓްރޭލިޔާގެ ބޭފުޅެކެވެ. ޑެންމާކުގެ އައު ރާނީއަކީ އޮސްޓްރޭލިޔާގެ ބޭފުޅެކެވެ. މޭރީ ޑޮނަލްޑްސަންއެވެ. އެއީވެސް ޑެންމާކުގެ ރައްޔިތުންނަށް މައްސަލައެއް ނޫނެވެ. އެއީ އެމީހުން ވާހަކަދައްކައި އުޅޭ މައުޒޫއެއްވެސް ނޫނެވެ. ފްރެޑެރިކަކީ ރައްޔިތުން ލޯބިވާ ވަރަށް ސާދާ ބޭފުޅެކެވެ. އައު ރަސްގެފާނާއި ރާނީއަށް މަރުހަބާ ކިޔަން މުޅި ގައުމު މިހާރު ދަނީ ތައްޔާރުވަމުންނެވެ.