ޕައިލެޓް ޓްރެއިނިން ކިޔަވައިގެން ރާއްޖެ އައިސް ވަޒީފާއެއް ނެތިފައި އެތައް ބަޔަކު އެބަ ތިބި ކަމަށާއި އެކަން ފަހުން ގައުމީ މައްސަލައަކަށް ވެދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އަމީން ވިދާޅުވީ، ޕައިލެޓް ޓްރެއިނިން ހަދާ ދަރިވަރުންގެ އަދަދަށް ބަލާއިރު އެކަމަކީ ގައުމީ ބޮޑު މައްސަލައަކަށް ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރެއް ތެރޭގައި ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެކަނިވެސް ޕައިލެޓް ޓްރެއިނިންގެ 400 ސްކޮލާޝިޕްގެ ހުޅުވާލި ނަމަވެސް ގައުމެއްގެ ނިސްބަތުން ސްކޮލާޝިޕްތަކަށް ހުޅުވާލަން ވާނީ ގައުމަށް ބޭނުންވާ ވަރަށް އެކަނި ކަމަށް ވިދާޅުވިއެވެ. އަދި 400 ސްކޮލާޝިޕް ހުޅުވާލި އިރު. 200 ކުދިން އޭރުވެސް ޕައިލެޓްކަން ކިޔަވަމުންދިޔަ ކަމަށް ވިދާޅުވިއެވެ.

"ދެން ބަލާލަން ޖެހެނީ އަޅުގަނޑުމެން މި ކެޑޭޓް ޕައިލެޓުކަން ނޫނިއްޔާ އެންމެ ބޭސިކް އެންޓްރީ މި ޕްރޮގްރާމުގެ ހަދައިގެން އަންނަ ކުދިންނަށް ރާއްޖޭގައި ހުރި މިންގަނޑުން ބަލާއިރު ކިހާ ވަރަކަށްތޯ ވަޒީފާ ދެވެނީ. އެއްވެސް އެއާލައިނަކަށް ހުރިހާ ކެޑޭޓް ޕައިލެޓް ލައިގެން އެއާލައިނެއް ނުހިންގޭނެ. އެހެންވީމާ އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތު ގޯސް ނޫން ކަމަށްވާނަމަ މި ކެޑޭޓް ޕައިލެޓުން ހަދައިގެން އަންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު އަދި ރާއްޖޭގައި ހުޅުވާލެވެނީ ގައުމީ އެއާލައިން، މޯލްޑިވިއަނުންއާއި ޓީއެމްއޭ އިން،" އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މޯލްޑިވިއަން އަދި ޓީއެމްއޭގެ ސްޓެޓިކްސްތަކަށް ބަލާއިރު 30 ޕަސަންޓަށްވުރެ މައްޗަށް ވަޒީފާ ނުދެވޭނެ ކަމަށެވެ. ރާއްޖޭގެ އެވިއޭޝަންގެ ގްރޯތް ރޭޓަކީ ހަ ޕަސަންޓާއި ހަތް ޕަސަންޓު ކަމަށާއި އެހެންކަމުން މިހާރު ވަޒީފާ ނެތް ޕައިލެޓުންނާ ކިޔަވައިގެން އަންނަ ޕައިލެޓުންނަށް ވަޒީފާ ލިބުމުގެ ފުރުސަތު ދަތި ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ކެޑޭޓް ޕައިލެޓުންނަށް ވަޒީފާ ނުދޭ ކަމަށާއި އެ ގައުމުތަކުގައި ކެޑޭޓް ޕައިލެޓުންގެ ބެކްލޮގެއް އޮތުމުން އިސްކަން ދެނީ އެ ގައުމުގެ ކުދިންނަށް ކަމަށްވެސް އަމީން ފާހަގަކުރެއްވިއެވެ.

އަމީން އިތުރަށް ވިދާޅުވީ، ޕައިލެޓްކަން ކިޔަވައިގެން އަންނަ ކުދިން ތަމްރީނުކޮށް، ތަޖުރިބާ ހޯދައިދޭން ޖެހޭނީ ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ. އަދި ޕައިލެޓުކަން ކިޔަވާ ކުދިންނަކީ އޯ ލެވެލް އަދި އޭ ލެވެސްގައި ރަނގަޅު ނަތީޖާއެއް ހޯދި ކުދިން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ހިއުމަން ރިސޯސް ސެކްޓާއަށްވެސް ނުބައި އަސަރެއް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިދިޔަ ސަރުކާރުން ހުޅުވާލި ޕައިލެޓް ސްކޮލާޝިޕްތައް ކެންސަލް ނުކުރާނެ ކަމަށާއި ސްކޮލާޝިޕް ލިބުނު ބައެއް ކުދިން އަދި ރާއްޖޭގައި ތިބުމުން އެ ކުދިން އެހެން ދާއިރާއަކުން ކުރިއަށް ދިއުމަށް ވާހަކަދައްކާނެ ކަމަށް ވިދާޅުވިއެވެ.