ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމު އަދާކުރަމުންދަނިކޮށް ތަހުމީލާ އިބްރާހިމް، ކޮންކީލިއާ، ވ. ފެލިދޫ، ވަޒީފާއިން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު، އޭނާގެ ވަޒީފާ އޭރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލު ކުރި ނިންމުން ބާތިލުކުރަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
އެ މައްސަލައަކީ ޑީއެންއާރުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ތަހުމީލާގެ މައްޗަށް ހިންގާ އިދާރީ ތަހުގީގަކަށް 30 ދުވަހުގެ މުއްދަތަށް އޮފީހަށް ނުކުތުން މަނާކުރުމަށްފަހު، އެ މުއްދަތު ހަމަވުމުން އޭނާގެ ވަޒީފާ އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރުމުން ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ތަހުމީލާ އެދިފައިވަނީ، ވަޒީފާއަށް ނުކުތުން މަނާކޮށް، އޭނާގެ ވަޒީފާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރީ، ވަޒީފާއާބެހޭ ގާނޫނާއި ސިވިލް ސާވިސް ގަވާއިދާ ހިލާފަށް ކަމަށާއި، ހެޔޮ ނިޔަތެއްނެތި ކަމަށް ކަނޑައަޅައިދިނުމަށާއި ސިވިލް ސާވިސް ކޮމިޝަނުގެ ސަބަބުން ހޯދަން ޖެހުނު ގާނޫނީ ވަކީލުންގެ އެހީތެރިކަމަށް ހަރަދުކުރަން ޖެހުނު 18،000 ރުފިޔާއަކީ ސިވިލް ސާވިސް ކޮމިޝަނުން އޭނާއަށް ނަގައިދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލަ ބެލުމަށްފަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ތަހުމީލާ ވަޒީފާއަށް ނުކުތުން މަނާކޮށް އޭނާގެ ވަޒީފާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރީ، ދިވެހި ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް ހެޔޮ ނިޔަތެއްނެތި ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާއަށް ނުކުތުން މަނާކުރިކަން އެންގި ލިޔުމާއި "ވަޒީފާ ބަދަލު ކުރިކަން އެންގި ޗިޓް" ބާތިލުކުރުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް ތަހުމީލާ ހޯދި ގާނޫނީ އެހީތެރިކަމަށް ހަރަދުކުރަން ޖެހުނު 18،000 ރުފިޔާއަކީ ސިވިލް ސާވިސް ކޮމިޝަނުން ތަހުމީލާއަށް ދޭންޖެހޭ ފައިސާއެއް ކަމަށް އަމުރުކުރާނެ ހަމައެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު