ގާޒާގައި އިޒްރޭލް ސިފައިން ހިންގަމުންދާ ޖަރީމާތަކުގެ ބަދަލުހިފުމާއެކު އިގުތިސާދީ ގޮތުން އިޒްރޭލް ބަލިކަށިކޮށްލުމަށްޓަކައި ޔަމަނުގެ ހޫސީންވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަނަކީ ރެޑްސީގެ ދެކުނުން އެ ކަނޑަށް ވަދެނިކުމެވާ ދޮރާށި ކަމަށްވާ ބާބުލްމަންދަބުގެ ކައިރިން ދަތުރުކުރާ އިޒްރޭލުގެ އާގުބޯޓު ފަހަރާއި އިޒްރޭލުގެ މުދާއުފުލާ އެންމެހައި ބޯޓުފަހަރަށް ހަމަލާދިނުމެވެ. ޔަމަނުގެ ބޮޑުބައެއްގެ ކޮންޓްރޯލް އޮތީ ހޫސީންނަށެވެ. ބާބުލްމަންދަބުގެ އިރުމަތީ އައްސޭރީގައި އޮތީ ޔަމަނެވެ. ރެޑްސީގެ އިރުމަތީ ބިތުން ގާތްގަޑަކަށް 450 ކިލޯމީޓަރަށްވުރެ ދިގު އައްސޭރިއެއް ޔަމަނަށް ލިބިގެންވެއެވެ. ޔަމަނުގެ ޒަބީދާއި މުޚާ އަދި ހުދައިދާ ފަދަ ސަހަރުތައް ގާއިމުވެގެން ވަނީ ރެޑްސީގެ އައްސޭރީގައެވެ. މިދެންނެވި ސަރަހައްދަކީ ރެޑްސީއަށް ވަދެނުކުމެވާ އާގުބޯޓު ފަހަރު ސޯޅަސަތާރަ ގަޑިއިރު ދުއްވަންޖެހޭ ސަރަހައްދެކެވެ. އެހެންވީމާ އާގުބޯޓު ފަހަރަށް ހަމަލާދިނުމަކީ ވަރަށް ފަސޭހައިން ހޫސީންނަށް ކުރެވެން އޮތް ކަމެކެވެ.

ހޫސީން ނިސްބަތްވާ ޖަމާއަތުގެ ނަމަކީ އަންސާރު ﷲ އެވެ. މި ޖަމާއަތުން ޔަމަނުގެ ވެރިރަށް ސަންއާގައި ގާއިމުކޮށްފައިވާ ސަރުކާރު ގަބޫލުކުރާ ހަމައެކަނި ދައުލަތަކީ އީރާނެވެ. ހޫސީންނަށް ހަތިޔާރާއި ފައިސާދެނީ ވެސް އީރާނުންނެވެ. ހޫސީންނާއި އީރާނާ ދެމެދު އޮތީ މަޒްހަބީ ގުޅުމެކެވެ. ހޫސީންނަކީ އީރާނުގެ ފާރިސީން ފަދައިން ޝިޔާ މުސްލިމުންނެވެ. ހޫސީންގެ އަތުގައި ކަނޑުގެ ލަޝްކަރެއް ނެތެވެ. މަނަވަރުތަކެއް، ކޯސްޓްގާޑެއް، ސަބްމެރީނެއް ނެތެވެ. ހޫސީންގެ އަތުގައި ނޭވީއެއް ނެތަސް ބާބުލްމަންދަބު ކަނޑުއޮޅީގައި ހޫސީން އެ ވަނީ ނޭވަލް ބްލޮކޭޑެއް ގާއިމުކޮށްފައެވެ. އެކަމަށްޓަކައި ހޫސީން ބޭނުންކުރަނީ ރޮކެޓާއި ޑްރޯނެވެ. މީގެތެރެއިން ބައެއް ޑްރޯނާއި ރޮކެޓަކީ ހޫސީން އަމިއްލައަށް ޔަމަނުގައި އުފައްދާ ތަކެއްޗެވެ. އީރާނުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. ހޫސީންގެ ބޭނުންތަކަށް ފުދި އިތުރުވާ ވަރަށްވެސް އެ މީހުންގެ އަތުގައި ރޮކެޓާއި ޑްރޯން އެބަހުރި ކަމަށް ބެލެވެއެވެ. ޔަމަނުގެ ހުރިހާ ހިސާބެއްގައިވެސް އެ ތަކެތި އެބަހުއްޓެވެ.

ހޫސީންގެ ނޭވަލް ބްލޮކޭޑްގެ ސަބަބުން އާގުބޯޓު ފަހަރު ދުއްވާ ކުންފުނިތަކަށް ލިބުނީ ނުހަނު ބޮޑު ސިހުމެކެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުން ދަތުރުކުރުން އެ މީހުން ގާތްގަނޑަކަށް ހުއްޓާލައިފިއެވެ. މިކަން ވެގެންދިޔައީ އެމެރިކާ އާއި އިޒްރޭލަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށެވެ. އެހެންވެ ރަހުމަތްތެރި ދިހަވަރަކަށް ގައުމު ބައިވެރިކޮށްގެން އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަންގެ ނަމުގައި ނޭވަލް ކޯލިޝަނެއް އުފައްދައިފިއެވެ. މި އޮޕަރޭޝަނުގައި ކުރާކަމަކީ ޔަމަނުން އުދުއްސައިލާ ރޮކެޓާއި ޑްރޯންތައް އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓައިލުމެވެ. މިކަމުގައި މިދެންނެވި ކޯލިޝަނަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އެ މީހުން ބުނެއެވެ. އެހެން ބުނަނީ ހޫސީންގެ ހަމަލާއެއް ފަހަކަށް އައިސް އާގުބޯޓަކަށް ނޭރުމާއި ހުރިހާ ރޮކެޓަކާއި ޑްރޯނެއް ވައްޓައިލެވޭ ކަމަށް ފެންނާތީއެވެ. އަދި ހޫސީންގެ ހަމަލާތައްވެސް މަދުވެއްޖެ ކަމަށް ފެންނާތީއެވެ. އެކަމަކު ތަޖުރިބާކާރުންގެ ޚިޔާލު ވަރަށް ތަފާތެވެ. އެ މީހުންގެ ނަޒަރުގައި އެޑްވާންޓޭޖް އޮތީ ހޫސީންނަށެވެ.

ހޫސީންނަށް ލިބިފައިވާ އެންމެ ބޮޑު އެޑްވާންޓޭޖަކީ ޚަރަދުގެ އެޑްވާންޓޭޖެވެ. ރޮކެޓާއި ޑްރޯން އުފެއްދުމަކީ ވަރަށް ކުޑަކުޑަ ޚަރަދަކުން ވަރަށް އަވަހަށް އެ މީހުން ކުރާ ކަމެކެވެ. މިއިން އެއްޗެއް އުފައްދަން ދެހާސް ޑޮލަރުވެސް ހޭދަކުރާކަށް ނުޖެހެއެވެ. އެކަމަކު މި ތަކެތި ވައްޓައިލުމަށް އެމެރިކާ އިން ބޭނުންކުރަނީ ވަރަށް އަގުބޮޑު މިސައިލްތަކެކެވެ. އެއްޗެއްގެ އަގު ދެ މިލިއަން ޑޮލަރަށްވުރެ މައްޗެވެ. ހޫސީންގެ ޑްރޯނެއްގެ އަގަކީ ދެހާސް ޑޮލަރު ކަމަށްވަންޏާ އެ ޑްރޯން ވައްޓައިލުމަށް ދެ މިލިއަން ޑޮލަރު ޚަރަދުކުރަން އެމެރިކާއަށް އެބަޖެހެއެވެ. މިއީ ޚަރަދުގެ ގޮތުން އުފުލަން ފަސޭހަ ބުރައެއް ނޫނެވެ. އަނެއްކޮޅުން ހޫސީން އަތުން ގެއްލިގެންދާ ކޮންމެ ރޮކެޓެއް އަދި ޑްރޯނެއްގެ ބަދަލުގައި އާ ތަކެތި ހަމަ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މީހުން އުފައްދައެވެ. އެމެރިކާގެ މަނަވަރުތަކަށް ހަތިޔާރު ސަޕްލައިކުރުމަކީ ޚަރަދު ބޮޑު އަދި ގިނަދުވަސް ބޭނުންވާ ކަމެކެވެ. ހަތިޔާރު އުފައްދަން ކުރަންޖެހޭ ހޭދަ އަދި އޮތީއެވެ.

ރޮކެޓާއި ޑްރޯން އުފެއްދުމަށާއި ގުދަން ކުރުމަށް ހޫސީން ބޭނުންކުރާ ތަންތަނާއި ރޮކެޓް ލޯންޗަރުތަކަށް ހަމަލަދީ ހަލާކުކޮށްލުމަށް ބާރުއަޅާ ކޮމާންޑަރުން އެމެރިކާގައި ވަރަށް ގިނައެވެ. އެ މީހުންގެ ނަޒަރުގައި އެންމެ މޮޅު ދިފާއަކީ ހަމަލައެއް އައުމުގެ ކުރިން އެ ހަމަލައެއް ފޮނުވައިލުމުގެ ކެރިކުޅަދާނަކަން ނައްތައިލުމެވެ. އިސްވެ ހަމަލަދީ ބަލިކަށި ކޮށްލުމެވެ. އެގޮތުން ކުރަންޖެހޭ ކަމަކީ އެމެރިކާ އިސްވެ ޔަމަނަށް ހަމަލަދީ އިޒްރޭލުން ގާޒާ ސުންނާފަތި ކޮށްލިހެން ޔަމަން ސުންނާފަތި ކޮށްލުމެވެ. އެކަމަކު މިއީ ކުރެވޭނޭ ކަމެއް ނޫނެވެ. ޔަމަނަކީ ގާޒާ ކަހަލަ ކުޑަކުޑަ ތަނެއް ނޫނެވެ. ޔަމަނަކީ ބިޔަ ގައުމެކެވެ. އިޒްރޭލަށް މުދާ އުފުލާ ބޯޓު ފަހަރަށް ހޫސީން ހަމަލާ ދެނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައެވެ. އެކަން ހުއްޓުވުމަށް އެމެރިކާ އިން އިސްވެ ޔަމަނަށް ހަމަލާދިނުމަކީ އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން އަރަބި ގައުމެއް ސުންނާފަތި ކުރުމަކަށް ވާނެއެވެ. ސިޔާސީ ގޮތުން އެއީ މި ވަގުތު ކުރެވެން ނެތް ކަމެކެވެ.

ހޫސީން ބަލިކުރެވޭތޯ މީގެ ކުރިން ގަދައެޅީ ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. މަތިން ބޮން އަޅައިގެން އެކަންކުރެވޭތޯ ދިހަބާރަ އަހަރު އުޅެގެން ނުކުތް ނަތީޖާއެއް ނެތެވެ. އެންމެފަހުން އެ ތިބީ ހަނގުރާމަ ހުއްޓާލައިގެންނެވެ. އެމެރިކާ މިކަމުގެ ތެރެއަށް ވަދެގެން ނެރެވޭނެ ނަތީޖާއެއް އޮތީކީވެސް ނޫނެވެ. އަގުވެއްޓުމާއި ކުރަންޖެހޭ ހޭދަބޮޑުވުން ނޫންކަމެއް ނުވާނެއެވެ. މިކަންކަން މިހެން އޮތީމާ އެމެރިކާގެ ކުރިމަތީގައި މިހާރު އޮތީ އެންމެ ގޮތެކެވެ. ހޫސީންގެ ޑްރޯނާއި ރޮކެޓަށް އިންތިޒާރުކުރުމާއި އޭގެ އެއްޗެއް ފެންނައިރަށް އަގުބޮޑު މިސައިލް ފޮނުވައިގެން ވައްޓައިލުމެވެ. ކިތަންމެ ޚަރަދުބޮޑަސް މިނޫން އެހެން ގޮތެއް ނެތެވެ. އެމެރިކާގެ ދިފާއީ އައްޑަނަ ފޫއަޅުވައިލައިފައި ހޫސީންގެ ރޮކެޓެއް އާގުބޯޓަކަށް އެރުމަކީ ދުރުކަމެއްވެސް ނޫނެވެ. ކޮންމެވެސް އިރަކުން އެކަންވެސް ވާނެއެވެ. އެއީ އަނެއްކާވެސް އެމެރިކާގެ އަގުވެއްޓޭނެ ކަމެކެވެ. އެ ދުވަހަކުން އަނެއްކާވެސް ރެޑްސީއަށް ނުވަދެ ދުރުގައި ތިބެން އާގުބޯޓު ފަހަރަށް މަޖުބޫރުވާނެއެވެ.