އިސްލާމް ދީނަށް ފުރުއްސާރަކުރާ މީހުންގެ މައްސަލަތައް ބަލަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
މަގާމަށް އައްޔަން ކުރެވުމުން ކުރައްވަން ނިންމާފައިވާ މަސައްކަތްތައް ހާމަ ކުރުމަށް އިސްކަންދަރު ކޮށީގައި ދެއްވި ނިއުސް ބްރީފިން އެއްގައި ސީޕީ މިއަދު ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިހާރުވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގްރޭޓާ މާލޭ ސަރަހައްދުގައި ސްޕާ ތަކުގެ ނަމުގައި ފާހިޝް އަމަލުކުރާ ތަންތަން ހިންގަމުންގެންދާކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، އެތަންތަނައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެފަދަ ވިޔަފާރިތައް ހިންގާ މީހުންނާއި އޭގެ ނަފާ ލިބޭ މީހުން ބަލައި ފިޔަވަޅުއަޅާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި ފުލުހުން މަސައްކަތް ކުރާނީ އެތަންތަން ރައްޔިތުންނަށް ފެނިގެންދާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ޓެރަރިޒަމާއި ތިމާ ގަބޫލުކުރާ ގޮތް ނުވަތަ ފިކުރު ނޫން ބަޔަކީ ދުނިޔޭގައި ތިބެންޖެހޭ ބައެއް ނޫން ކަމަށް ގަބޫލުކުރާ މީހުންގެ ނުރައްކާތައް، ފުލުހުންގެ ހުރިހާ ރިސޯސްތަކެއް ބޭނުންކޮށްގެން ބަލަމުން ގެންދާނެ ކަމަށެވެ.
"މިފަދަ އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތައް ސާބިތު ކަމާއެކު ކުރަމުން ގެންދާނަން،"
އޭގެ އިތުރުން ސައިބަ ކްރައިމް، ފައިނޭޝަލް ކްރައިމް އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ، އެ ކަންކަމުގައި ވިކްޓިމައިޒް ވާ ފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ކުޑަދިންނާއި އަންހެނުންނަށް ކުރާ އަނިޔާތަކަކީ ފުލުހުން އަޅާ ނުލައި ތިބޭނެ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު