ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އަމީނީ މަގު ހެދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެސްގައި ބުނީ މާލެއަށް ވެހެމުންދާ ބޯ ވާރެއާ ގުޅިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އާންމުން ހިނގާބިނގާވެ އުޅުން ރައްކާތެރި ނޫން ކަމަށާއި އެހެންކަމުން އެ ސަރަހައްދަށް ނުވަނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް ގެތަކަށް ފެން ވަދެފައިވާއިރު، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބައްދަލުވާ ދުވަސްވަރުކަމުން ކުރަމުންދާ ވިއްސާރަ ކަމަށެވެ.

މި ވިއްސާރަ ކުރިއަށް އޮތް ދުވަހުވެސް ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާ ބަންދުގައި ކަމަށްވެސް ވިދާޅުވިއެވެ.