އަމިއްލަ ފަރާތްތަކަށް ބިޑަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތް ހަދައި، މާލިއްޔަތު ގަވާއިދު އިސްލާހު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" އަށް ގެނައި އިސްލާހު ގެޒެޓު ކޮށްފައެވެ. އެ އިސްލާހުގައި ވަނީ އަމިއްލަ ފަރާތްތަކުގެ އިސްނެގުމުގެ މަތިން ސަރުކާރުން އިއުލާނު ނުކުރާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތް ބަޔާންކޮށްފައެވެ.

އިސްލާހުގައިވާ ގޮތުން ޑައިރެކްޓު އުސޫލުން އަދި އަމިއްލަ ފަރާތްތަކުގެ އިސްނެގުމުގެ ދަށުން މަސައްކަތް ހަވާލު ކުރެވޭނީ މަސައްކަތުގެ ބާވަތާއި އަގު އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އެ މަސައްކަތެއް އެގޮތަށް އެވޯޑު ކުރަން ނިންމި ސަބަބު ބަޔާންކޮށް ފިނޭންސް މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

އިތުރަށް އިސްލާހުގައި ބަޔާންކޮށްފައިވަނީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީ އަކުން ނިންމިދާނެ ކަމަށެވެ.

ކެބިނެޓަށް ނުވަތަ ކެބިނެޓުގެ ކޮމިޓީއަކަށް އެގޮތަށް މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ހުއްދަ ދެވޭނީ އެ މަޝްރޫއަކީ، ސަރުކާރުގެ ވަކި މަޝްރޫއަކަށް ނުފެތުނު ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލްވެވޭނެ މަޝްރޫއުއަކަށް ވާނަމައެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޮޕްމެންޓު ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އީޖާދީ އަދި ފުދުންތެރި ގޮތުގައި ހާސިލްކުރުމަށް މަގުފަހިވާނަމައެވެ.

އަލަށް ގެނައި އިސްލާހުގައި ވަނީ އަމިއްލަ ފަރާތްތަކަށް ބިޑަކާ ނުލައި ޕްރޮޕޯސަލް ހުށަނެޅޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ.

އިސްލާހުގައިވާ ގޮތުން، އަމިއްލަ ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލަކީ ސަރުކާރުން ކުރިއަށް ގެންދަން ކުރިން ނިންމާފައިވާ ނުވަތަ އިއުލާނުކޮށްފައިވާ ނުވަތަ އެފަދަ މަޝްރޫއެއް ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ މަޝްރޫއަކަށް ވެގެންނުވާނެ ކަމަށެވެ.

ބިޑަކާ ނުލައި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށް ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އިންވެސްޓު މޯލްޑިވްސް ކުންފުންޏަށް ހުށަހަޅާ ޕްރޮފޯސަލްތައް އިވެލުއޭޓު ކުރުމަށް ތިން މަރުހަލާއެއް ކުރިއަށްގެންދާނެއެވެ.