މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފުތިތާހުކޮށްފިއެވެ.
އެ މަޖިލިސް އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކާ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ، މިސްކިތްތައް ބަލަހައްޓައި މިސްކިތްތަކާ ގުޅިފައިވާ ހުރިހާ އާދަކާދައެއް ތަރުތީބުކުރުމަށްޓަކާ ވަކި މަޖިލީހެއް އުފެދިގެން ދިއުމަކީ ވަރަށް ތާރީހީ މުހިންމު މާނައެއް ހުރި ކަމެއް ކަމަށެވެ.
މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އުފެއްދުމުގެ ސަބަބާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ މަޖިލިސް އުފެއްދީ ރާއްޖޭގެ ހުރިހާ މިސްކިތްތަކަށް ދޭންޖެހޭ އިހުތިރާމު ދިނުމަށާއި އެކަމަށް ސަގާފަތެއް އެކުލަވާލައި ރާއްޖޭގައި އެކަމަށް ހިތްވަރު ދިނުމަށް ކަމަށެވެ.
"ކޮންމެ ރަށެއްގައި އަދި ކޮންމެ ސިޓީއެއްގައިވެސް މިސްކިތްތަކުގެ ކޮމިޓީއެއް އެކުލަވާލެވިފައި އޮންނާނެ. މިސްކިތްތައް ބެލެހެއްޓުމާއި އެ ތަންތަނުގެ އިޝްތިޝާރީ ލަފާ އެ ރަށު ކައުންސިލްތަކަށާއި އަދި ސަރުކަރަށާއި އިސްލާމީ ވުޒާރާއަށް ދިނުމަކީ މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިޔަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައި،" ޝަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިސްކިތްތަކާބެހޭ މަޖިލީހަކީ އިދާރީ މަޖިލީހެއް ނޫން ކަމަށާއި އެއީ އިޝްތިޝާރީ މަޖިލީހެއް ކަމަށެވެ. އެ މަޖިލީހުގެ ލަފާ ސަރުކާރާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއަދު އިފުތިތާހު ކުރި މިސްކިތްތަކާބެހޭ މަޖިލީހުން މިސްކިތްތަކުގެ އިމާމުން ތަރުބިއްޔަތު ކުރުމާއި ތަމްރީނު ދިނުމާއި މިސްކިތްތަކާބެހޭ އެންމެހާ ކަންތައްތަކުގައި ލަފާދޭނެއެވެ. އަދި އިމާމުންނާއި މެދު ތަރުބަވީ ތަރުބިއްޔަތާއި ތަމުރީން އަދި ޓްރޭނިން ކަންތައްތައް ކުރަންވީ ގޮތުގެ ލަފާވެސް އެ މަޖިލީހުން ދޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު