ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް މިހާރު ފުއްދަވާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބު ތެރޭގައިވެސް ވިދާޅުވެފައިވަނީ ރައީސް ޔާމިނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި އެންމެ ފުރަތަމަ ދުވަހު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ގެއަށް ބަދަލުކުރައްވާނެ ކަމަށެވެ. އެއީ ރައީސަށް ކުރެއްވޭނެ ކަމެއް ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ ރޭ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ސޯލިހްގެ އަރިހުން ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށާއި އެކަން މިއަދު އެވަނީ ކުރައްވާފައި ކަމަށެވެ.

"ރައީސް މުއިއްޒު، ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަރަށް ސަރީހަ އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން އެވަގުތުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ނުވަތަ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމުގެ ބާރު އޮތީ ޖުޑީޝިއަރީގެ އަތްމަތީގައި ކަމަށާއި ސަރުކާރުން ޖުޑީޝިއަރީއަށް އަތް ނުބާނާނެ ކަމަށެވެ. އަދި ނޮވެމްބަރު 17 ވަނަ ދުވަހު އެ ވައުދު ފުއްދަވާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިވަގުތު ހުންނެވީ ޝަރުއީ ހުކުމެއްގައިކަމުން އެމަނިކުފާނާ ސިޔާސީ ފަރާތްތައް ބަދަލު ނުކުރެއްވޭނެ ކަމަށާއި ސިޔާސީ އެއްވެސް ހަރަކާތެއްގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ޝަރުތުކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"ރައީސް ޔާމީނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ނުވަތަ މަޝްވަރާ ކުރައްވައި ނުވަތަ ފޯނުން ވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއްގެ ގޮތުގައި [ރައީސް މުއިއްޒު] ދެކެވަޑައެއް ނުގަންނަވާ،" ޝަހީބް ވިދާޅުވިއެވެ.

ޔާމީނަށް އިތުރު ލުއި ލިބިވަޑައިނުގަންނަވާ ހިނދަކު، އެ މަނިކުފާނާ ރައީސް މުއިއްޒު ބައްދަލުނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.