ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާއަށް ފަހު، މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ރިޕޯޓު ފޮނުވައި، މެންބަރުން އެދިވަޑައިގެންފިނަމަ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއީ ކުރިއަށް އޮތް އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ފާސްކުރުމަށްފަހު ހިނގާ އަހަރުގެ ތިންވަނަ ދައުރުގެ ޗުއްޓީއަށްދާ ގޮތަށެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތިންވަނަ ދައުރު ތިންވަނަ ފަހަރަށް އިތުރު ކޮށްގެން ބޭއްވި ޖަލްސާއެކެވެ.
މަޖިލީހުން ބަޖެޓް ފާސް ކުރުމަށާއި ވަޒީރުންނަށް ރުހުންދިނުމަށް މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އިތުރު ކުރަން ފުރަތަމަ ފާސްކުރީ، މިމަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް އެދުވަހު ބަޖެޓް ފާސް ކުރުމަށްފަހު ވަޒީރުންނަށް ރުހުން ދިނުމަށް މިމަހުގެ 18 ވަނަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމި އެވެ.
ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓު ގޯސްކޮށް އޮތުމުން އެ މައްސަލަ ރަނގަޅު ކުރަން އެ ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވުމަށްފަހު، ވަޒީރުންނަށް ރުހުންދޭން މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދުވަހުގެ ޖަލްސާއިން ފާސްކުރިއެވެ. ނަމަވެސް މިއަދުގެ ޖަލްސާއާ ހަމައަށް އައި އިރުވެސް، ކޮމިޓީގެ ކޯރަމް ހަމަނުވެގެން އެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާފައެއް ނުވެއެވެ.
ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދެން މަޖިލީހުގެ މިއަދުގައި ކޮމިޓީން ނިންމޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މިއަދުގެން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްފަހު، މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް މެންބަރުން އެދި ވަޑައިގެންފިނަމަ ޖަލްސާ ބާއްވައި ދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު