ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ކޮންމެ އަހަރަކު ޑިސެމްބަރު 26ގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިއާއާ ގުޅިގެން ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ މަތިވެރި ރަމްޒެއްގެ ގޮތުގައެވެ.

އެ ކާރިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަހިމޭންކަމުގެ ސުކޫތު ބާއްވާފައި ވަނީ ސުނާމީގެ ރާޅު ރާއްޖެއަށް އެރި ކަމަށް ރެކޯޑު ކުރެވިފައިވާ ގަޑި، ހެނދުނު 9:23 ގައެވެ. އެގޮތުން ސްކޫލުތަކާއި އޮފީސްތަކުގައި ވަނީ ސުކޫތު ގެނެސްފައެވެ.

އެ ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒާއި ކެބިނެޓު މިނިސްޓަރުން އަދި ރައީސް އޮފީހުގެ މުވައްޒަފުން ސުކޫތުގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ހުރަވީ ބިލްޑިން ސަރަހައްދުގައި ކަމަށެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކޮށްފައިވާ އިރު، މި ދުވަސް ފާހަގަ ކުރުމަށް ބާއްވަ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި ރައީސް މުއިއްޒުއާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.