ރާއްޖެއަށް އަންނަ ބިދޭސީންނާއި ރާއްޖޭގައި ތިބި ބިދޭސީން ވެސް މެޑިކަލް ހަދަންޖެހޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މީގެ ފަހުން ބިދޭސީން އޮންއެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހަދަން ޖެހޭނެ ކަމަށެވެ.
މިދިޔަ ސަރުކާރުން 2020 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ރާއްޖެ އަންނަ ބިދޭސީންގެ މެޑިކަލް ހެދުން އޮތީ ހުއްޓިފައެވެ.
އެގޮތުން ރާއްޖެއަށް މަސައްކަތް ކުރަން އެތެރެވާ ބިދޭސީން އަހަރަކު އެއްފަހަރު މެޑިކަލް ހުށަހަޅަން ޖެހޭ އިރު، އެކަން ހުށަނާޅައިފިނަމަ ވޯކް ޕާމިޓް އާ ކޮށެއް ނުދެއެވެ. އަދި ރާއްޖެ އެތެރެވާތާ 30 ދުވަހުގެ ތެރޭގައި ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން މެޑިކަލް ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އެ ހުރިހާ ކަމެއް އޮތީ އިހުތިޔާރީ ކަމަކަށް ދޫކޮށްލައިފައެވެ.
ނާޒިމް ވިދާޅުވީ ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކްއަޕް ހެދުމަށް ބިދޭސީންނަށް މިހާރު ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަ ކުރުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި ބިޒްނަސް ވިސާގައި އެންޑެމިކް ސަރަހައްދުތަކުން އަންނަ ބިދޭސީން ރާއްޖެ އަންނަ މީހުން ވިސާގެ މުއްދަތު އިތުރުކުރާނަމަ، މެޑިކަލް ހަދަން ޖެހޭނެ ކަމަށެވެ. އަދި މެޑިކަލް ޗެކަޕްގައި މިހާރު ލާޒިމްކޮށްފައިވާ ޓެސްޓުތައް، އެ ވަގުތެއްގެ ހާލަތަށް ބަލައި އިތުރުކުރުމުގެ ބާރު ވެސް ހެލްތު މިނިސްޓްރީއަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރީގައި ދެންނެވި ވިސާތަކުގައި ރާއްޖޭގައި ތިބި ބިދޭސީން، ރާއްޖޭގައި މެޑިކަލް ޗެކަޕް ހަދާފައި ނުވާ ފަރާތްތަކުން ހަ މަސް ދުވަހުގެ ތެރޭގައި މެޑިކަލް ޗެކަޕް ހަދާ ނިންމުން. އޭގެ މާނައަކީ، އެއް އަހަރުގެ ތެރޭގައި މެޑިކަލް ޗެކަޕް ހަދާފައި ނުވާ ބޭރުގެ ކޮންމެ ރައްޔިތެއް މިކަން ކުރަންޖެހޭނެކަން ނިންމުން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މެޑިކަލް ޗެކްއަޕްގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް، ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ބިދޭސީން ރާއްޖެ އަންނަ އިރު، އޮން އެރައިވަލް އަދި މަދުވެގެން އަހަރަކު އެއްފަހަރު މެޑިކަލް ޗެކްއަޕް ހަދަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"މި 15 ދުވަހުގެ ތެރޭގަ ރާއްޖެ އަންނަ ކޮންމެ މީހަކު މެޑިކަލް ހަދާ އެ އޮންނަ އުސޫލުގެ މަތިން ހެލްތް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ބިދޭސީން ރެގިއުލައިޒް ކުރާއިރު ވެސް ޗެކްއަޕް ހެދުމަށް ލާޒިމްކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު