މީހުން ދިރިއުޅޭ އެއްވެސް ރަށްރަށުގައި ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރުމަކީ މަނާކަމެއް ކަމަށެވެ.

"އެހެންކަމުން، ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތެއް ހިންގާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނަން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގައި ދީނީ ކަންކަމަށް ފުށޫ އަރާ ކަންތައްތައް ނުކުރެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ހާއްސަކޮށް ކްރިސްމަސް ފަދަ ހަރަކާތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ ގާނޫނު މަނާ ކަމެކެވެ.

އާ އަހަރާއި ކްރިސްމަސް ފަދަ ޗުއްޓީތަކާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު އެ ދުވަސްތައް ރިސޯޓްތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ.