ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް، އެސިސްޓެންޓް ކޮމިޝަަނަރު އަލީ ޝުޖާއު އައްޔަން ކުރަން ޕޮލިސް ބޯޑުން، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާދީފިއެވެ.
ފޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން ދެބޭފުޅަކު އެމަގާމަށް ކުރިމަތި ލެއްވިއެވެ. އެއީ އަލީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.
ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ޝުޖާއު އައްޔަންކުރަން ޕޮލިސް ބޯޑުން މިނިސްޓަރަށް ލަފާދިނީ އެ މަގާމަށް ކުރިމަތިލެއްވި ދެބޭފުޅުންގެ ނަން އެ ބޯޑުން ދިރާސާކުރި އިރު، ބޯޑުން އެކުލަވާލާފައިވާ ކްރައިޓީރިއާ އަށް ނަވީންގެ ޝަރުތު ހަމަނުވާތީއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން ހިމެނެއެވެ. އޭގެ އިތުރުން އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުންވެސް އެ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވެ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމާ ގުޅިގެން އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެކްޓިން ކޮމިޝަނަރުގެ މަގާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު