މިއަހަރުގެ ތެރޭގައި ހިންގި އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިނިވަންވުން ހިމެނެއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 3 ނޮވެމްބަރު 1988 ގައި ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލުތުފީ ހައްޔަރުކޮށް އޭރު ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ފަހުން ކުރީގެ ރައީސް، ރައީސް މައުމޫން ވަނީ އޭނާގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް (25) އަހަރަށް ބަދަލުކޮށްދެއްވައިފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010 ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލުޓޭޝަން ސާވިސް އިން 26 މާޗް 2012 ގައި އޭނާ ހޯދުމަށްފަހު ހުކުމް ތަންފީޒުކުރުމަށް އެ ޑިޕާޓްމަންޓާ ހަވާލުކުރުމަށް އެދި ފުލުހުންނަށް މައްސަލަ ހުށެހެޅިއެވެ.
ސްރި ލަންކާގައި ފިލައިގެން އުޅެނިކޮށް ލުތުފީ ރާއްޖެ ގެނެސްފައިވަނީ 9 ޖުލައި 2019 ގައެވެ. އެ މައްސަލައިގައި އެނާއަށް ކުރީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު، ލުތުފީ ވަނީ ޖަލުން މިނިވަންވެފައެވެ.
އެއިރުގެ އެޓާނީ ޖެނެރަލް އޮފީސް، ނުވަތަ ދައުލަތުގެ ފަރާތުން ލުތުފީގެ މައްޗަށް އެ މައްސަލައިގައި ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވަނީ، 3 ނޮވެމްބަރު 1988 ގައި، ލުތުފީ ވަނީ ހަތިޔާރު އެޅި 80 ވަރަކަށް ބިދޭސީންނާއެކު މާލެއަށް އަރައި ރާއްޖޭގެ އަމާންކަން ނަގާލާފައި ކަމަށެވެ. ލުތުފީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ބަދަލުކުރަން މަސައްކަތްކޮށް، ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އާންމުންގެ ގިނަބައެއްގެ ފުރާނަށް ގެއްލުން ލިބޭނެ ފަދަ ގޮތަކަށް ހަތިޔާރު ބޭނުންކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ގެއްލުވައިލުމަށް، ދައުލަތާ ދެކޮޅަށް އަމަލުތައް ހިންގާފައިވާ ކަމަށެވެ.
މިއީ ދައުވާގެ ހުލާސާއެކެވެ. ދައުލަތުން ވަނީ ލުތުފީގެ މައްޗަށް ގިނަ ދައުވާތަކެއް ކޮށްފައެވެ. ލުތުފީ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެފައެވެ. އެ އިއުތިރާފުގައި ލުތުފީ ބުނެފައިވަނީ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް)ގެ ލީޑަރެއް ކަމަށްވާ މަހޭޝްވަރަމް ރާއްޖެ ހިފަން ރޭވި ރޭވުމުގައި ބައިވެރިވެ، އެ ގްރޫޕުގެ ހަނގުރާމަވެރީންނާއެކު ރާއްޖެ ހިފަން ހަތިޔާރާއެކު މާލެ އަރައި މަސައްކަތްކޮށްފައިވާ ކަމަށެވެ. ލުތުފީ ވަނީ ޝަރީއަތުގައި އެކަމުގައި ޝާމިލުވި އެހެން ދިވެހީންގެ ރޯލު ވެސް ކިޔައިދީފައެވެ.
- - އިސްލާމީ ވެރިކަމާއި ސިޔާދަތާއި މިނިވަންކަމަށް އުނިކަން ލިބި ބޭރު ބައެއްގެ އަތްދަށުގައި ދިވެހިރާއްޖެ އަޅުވެތި ވެދާނެ ފަދަ އަމަލެއް ކުރިކަމުގެ ކުށް
- - ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކޮށް ސަރުކާރު ބަދަލުކުރާން އުޅުމުގެ ކުށް
- - ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު، ތީމުގެއަށް ހަމަލާދީ އެތާނގެ ސެކިއުރިޓީއަށް ތިބި މީހުންގެ އަތުން ހަތިޔާރު އަތުލާން އުޅުމުގެ ކުށް
- - ދައުލަތުގެ ވަޒީރުން އަތުލައިގަންނާން އުޅުމާއި އެ ބޭފުޅުން އަދާކުރައްވާން ޖެހިވަޑައިގަންނަވާ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށް، ބައެއް މިނިސްޓަރުން އުޅުއްވާ ގޭގެޔަށް ހަމަލާދިނުމުގެ ކުށް
- - ނޭޝަނަލް ސެކިއުރެޓީ ސާވިސް (އެންއެސްއެސް)ގެ ހެޑްކުއާޓަރަށް ހަމަލާދީ އެ ހެޑްކުއާޓަރުގެ ތަންތަން ހަލާކުކޮށް ސިފައިންގެ ބައެއް މީހުން މެރުމުގެ ކުށް
- - ލުތުފީ ގެނައި މީހުން ދިވެހީންގެ ބައެއް މީސްމީހުން މަރައި އަދި ޒަޚަމްކޮށް ހަތިޔާރުގެ ބިރު ދައްކައިގެން މީސްމީހުން ތަންތަނަށް ޖަމާކޮށް މީހުންނަށް އަނިޔާކޮށް ހެދުމާއި އިސްލާމީ މަރުކަޒާއި އެތާނގެ މިސްކިތަށް ވަދެ އެތާނގެ ހުރުމަތް ކަނޑައި އެ ތަންތަނަށް ގެއްލުން ދީ ސަރުކާރާއި މީސްމީހުންގެ މިލްކު އިމާރާތާއި ތަކެއްޗަށް ގެއްލުންދީ ހެދުމުގެ ކުށް
- - އެބައި މީހުންގެ ހަމަލާގެ ސަބަބުން އާންމު ރައްޔިތުންގެ ސިކުނޑިއަށް ބިރުވެރިކަން ވަދެ ނަފުސާނީ ގޮތުން މީސްމީހުންނަށް ލިބިފައިވާ ގެއްލުމާއި ދިވެހި ސަރުކާރުގެ ބޯޓެއް ހައިޖެކް ކުރުމާއި މުދާ ފޭރުމާއި އަދި ގާނޫނާ ހިލާފަށް ރާއްޖެއަށް ހަނގުރާމާއިގެ ހަތިޔާރު އެތެރެކުރުމާއި ގާނޫނާ ހިލާފަށް، އައުޓްވާޑް ކްލިއަރެންސް ނުހޯދައި ދިވެހިރާއްޖެއިން ދިއުމާއި ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރުގައިވާ ބޯޓުފަހަރަށް އަރައިހެދުމާއި ގާނޫނާ ހިލާފަށް ދިވެހީންގެ ގޯތި ގެދޮރަށް ވަދެ ދިވެހީންގެ ފުރާދުއްވާ ތަކެއްޗަށް ގަދަކަމުން އަރައި އެ ތަކެތީގެ ބޭނުންކޮށް ހެދުމުގެ ކުށް
- - މީހުން މެރުމުގެ ކުށާއި އަދި ބަނގުރާ ބުއިމުގެ ކުށް
ރާއްޖޭގެ އެއިރުގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ، ފަނޑިޔާރު އިބްރާހިމް ނަސީރު އަދި ފަނޑިޔާރު އަބްދުﷲ އާދަމް، އެ މައްސަލައިގައި އިއްތިފާގުން ހުކުމްކުރެއްވީ ލުތުފީ މެރުމަށެވެ.
ލުތުފީ ފިލައިގެން އުޅުނީ އަވައްޓެރި ސްރީ ލަންކާގައެވެ. އެކަން ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވެސް އެނގެއެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ، ސްރި ލަންކާއިން، ލުތުފީ ހައްޔަރުކުރުމަށް ލަންކާގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން އެކި ފަހަރު މަތިން ވަނީ އެ ގައުމުގައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެ އޮޕަރޭޝަންތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ އިންޓެލިޖެންސުން ހިންގި އޮޕަރޭޝަންތައް ވެސް ހިމެނޭ ކަމަށް އުމަރު ވިދާޅުވެފައިއެވެ.
އެއްވެސް އޮޕަރޭޝަނެއްގައި، ލުތުފީ ހައްޔަރު ނުކުރެވުނީ، އޭނާ ސްރީ ލަންކާގައި ފިލައިގެން އުޅުނީ ސިފައާއި ނަން ބަދަލުކޮށްގެންވުމުން ކަމަށް އުމަރު ވިދާޅުވެފައިއެވެ. އަދި ލުތުފީއަކީ ދިވެހީން އާންމުކޮށް ދިރިއުޅޭ ސަރަހައްދުތަކަށް އަދި ދިވެހީން އާންމު ގޮތެއްގައި ގޮސް އުޅޭ ތަންތަނަށް ދާ މީހެއް ނޫން ކަމަށް އުމަރު ވިދާޅުވެފައިއެވެ. ފިލައިގެން ލުތުފީ އުޅުނީ ސްރީ ލަންކާގެ ރައްޔިތެއްގެ ގޮތުގައި އެގައުމުގެ މީހުންގެ އެތެރޭގައި ކަމަށް އުމަރު ވިދާޅުވެފައިއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް