ގައުމީ އެއާލައިން، މޯލްޑިވިއަނުން ބ. ފުޅަދުއަށް ޝެޑިއުލް ސީޕްލޭން ދަތުރުތަކެއް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުޅަދުއަށް ޝެޑިއުލް ސީޕްލޭން ދަތުރުތަކެއް ފަށާނީ މާދަމާ ކަމަށާއި އެ ދަތުރުތައް ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ. އަދި ފުޅަދުއަށް ދަތުރުތައް ކުރަން ނިންމާފައިވަނީ ބ. އަތޮޅުގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ފުޅަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ އުފާކުރާ ކަމެއް ކަމަށާއި އެ އިސްނެގުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، އިތުރު މީހުން އެ މަންޒިލުތަކަށް ޒިޔާރަތްކުރުމަށް ޝައުގުވެރިކަން އުފެއްދުމަށް މޯލްޑިވިއަނުން ގެންގުޅޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"ސީޕްލޭނުން ދަތުރުކުރުމަކީ، އެހެން ދަތުރުފަތުރުގެ ނިޒާމުތަކާ މުޅިން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ކަމެއް. ޝައުގު އުފައްދައި، ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަނުން މިއަހަރުގެ ބޮޑު އީދު ޗުއްޓީއާ ދިމާކޮށް ވެސް ފުޅަދުއަށް ސީޕްލޭން ދަތުރުތަކެއް ބާއްވާފައިވާ އިރު، އެފަހަރު ވަނީ ހަތަރު ދުވަހަކު ދަތުރުތައް ބާއްވައިފައެވެ. ފުޅަދޫ ކައިރީގައި އޮންނަ ބ. ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ އަކީ ވެސް ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށްތަކެކެވެ.

ބ. އަތޮޅަކީ ރާއްޖޭގެ މަޝްހޫރު މަންޓާ ޕޮއިންޓް، "ހަނިފަރު ބޭ" ވެސް އޮންނަ އަތޮޅެވެ. އެހެންކަމުން މަންޓާތަކާ އެކު ފީނާލުމުގެ ތަޖުރިބާ ކޮށްލުމަށާއި ބ. އަތޮޅުގެ ގުދުރަތީ ރީތި މަންޒަރުތައް މަތިން ބަލައިލަން މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެއީ ރާއްޖޭގެ ގުދުރަތީ ނަލަ މަންޒަރުތައް މަތިން، އެންމެ ފުރިހަމަކޮށް ބަލައިލަން އެންމެ "ސަޅިވާނީ" ސީޕްލޭނުން ކަމަށްވާތީއެވެ.